މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ފެނުގެ ދުވަހެވެ. ފެނަކީ އޭގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ވެގެންދާ ބުއިމެކެވެ. ފެނުގެ ދުވަސް ފާހަގަ ކުރަމުން ދާއިރު ފެނުން ލިބޭ ފައިދާތަށް ހަނދާން އާކޮށްލުމަކީ މުހިންމު ކަމެކެވެ.

ދުވާލެއްގެ މައްޗަށް ހަތެއް ނޫނީ އަށް ތަށި ފެން ބުއިމަކީ ކޮންމެ މީހަކު ވެސް ކުރަން ޖެހޭކަނެ އެނގެ އެވެ. އެހެންނަމަވެސް ނިދާ ހޭލުމަށް ފަހު އެނދުން ފޭބުމުގެ ކުރިން ފެން ބުއިމަކީ ކިހާ ފައިދާ ހުރި ކަމެއްކަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ހެނދުނުގެ އެންމެ ފުރަތަމަ ބުއިމެއްގެ ގޮތުން ފެން ހިޔާރު ކުރައްވައިފި ނަމަ ގިނަ ބަލިތަކަކުން ސަލާމަތްވެގެން ދެ އެވެ. އެގޮތުން ނޭވާލުމުގެ ނިޒާމަށް ދިމާވާ ބަލިތަކާއި ގައިގައި ރިހުން އަދި ތަފާތު ބޮޑެތި ބަލަތަކަށް ވެސް ފަރުވާ ލިބިގެންދެ އެވެ.

ފެން ބުއިމުން ހަންގަނޑު ތާޒާކޮށްދޭ

ވިދުން ގަދަ ރީތި ހަންގަނޑެއް ކޮންމެ މީހަކަށްވެސް ބޭނުންވާނެ އެވެ. އެކަހަލަ ހަންގަނޑެއް ބޭނުންނަމަ ގިނައިން ފެން ބޯށެވެ. ގިނައިން ފެން ބުއިމުން ލޭގައި އެކުލެވޭ ޓޮކްސިން ބޭރުވެ ހަންގަނޑު ރީތިވެގެން ދެ އެވެ.

އިމިއުން ސިސްޓަމް ހަމަޔަކަށް އަޅުވައިދޭ

ކޮންމެ ދުވަހެއްގެ ހެނދުނު އެންމެ ފުރަތަމަ ބުއިމަކަށް ފެން ހަދައިފިނަމަ އިމިއުން ސިސްޓަމްގެ މަސައްކަތް ހަމަޔަކަށް އަޅުވައިދެ އެވެ. އިމިއުން ސިސްޓަމް އަކީ ހަށިގަނޑުގައި އުފެދޭ އިންފެކްޝަނުން ހަށިގަނޑު ދިފާއުކޮށްދޭ އެއް ގުނަވަނެވެ. އެހެންކަމުން އިންފެންކްޝަނުން ސަލާމަތްވެ ސިއްހަތު ރަނގަޅު ކުރަން ބޭނުން ނަމަ ކޮންމެ ދުވަހަކު ހެނދުނު ފުރަތަމަ ބުއިމަށް ފެން ހައްދަވާށެވެ.

ބަރުދަން ލުއިކުރުމަށް ފެން

އަމާޒަކީ ބަރުދަން ލުއި ކުރުން ކަމުގައިވާ ނަމަ ކޮންމެ ދުވަހަކު ވެސް ހެނދުނު ހޭލައިގެން އެންމެ ފުރަތަމަ ފެން ބޯށެވެ. ސޯޅަ އައުންސްގެ ފިނި ފެން ކޮންމެ ދުވަހަކު ބޯ ނަމަ ހަށިގަނޑުގައި އުފެދޭ ސަރުބީގެ 25 ޕަސެންޓު ނެތިގެން ދެ އެވެ. އެހެންކަމުން ކޮންމެ ދުވަހަކު ވެސް ހެނދުނު ފެންބުއިމަށް އާދަކުރާށެވެ.

ތަފާތު ބަލިތަކުން ރައްކާތެރިވުމަށް ފެން

ފެނަކީ ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަކޮށްދޭ އަދި ތަފާތު ބަލިތަކުން ރައްކާތެރިކޮށްދޭ އެންމެ ފައިދާ ހުރި އެއް ބުއިމެވެ. ގިނައިން ފެންބޯ ނަމަ ހޮޑުލެވުން، ކެނސަރު ބަލި، ކަރުގެ ބަލިތަށް، ލޮލުގެ މައްސަލަތަށް އަދި ކިޑުނީގެ މައްސަލަތަކާއި ޑައިރިއާގެ އިތުރުން ބޮލުގައި ރިހުމަށް ވެސް ހައްލުލިބިގެންދެ އެވެ.

ނިދާހޭލުމަށް ފަހު ފަސްތަށި ފެން ކޮންމެ ދުވަހަކު ބޯނަމަ އޭގެ ފައިދާ ފެނިގެންދާނެ އެވެ. ކޮންމެ ދުވަހަކު ހެނދުނު ފަސް ތަށި ފެން ބުއިން އާދައަކަށް ހަދާށެވެ. އަދި ފެން ބުއިމުގެ ކުރިން އެއްވެސް އެއްޗެއް ނުކާށެވެ. ހަނދުނުގެ ނާސްތާގެ އެއްގަނޑި އިރު ކުރިން ފަސް ތަށި ފެން ބޯށެވެ. ހަށިގަނޑަށް ފައިދާ ލިބި ސިއްހަތު ރަގަނޅުވެގެން ދާނެ އެވެ.