22 Mar 2015, 10:31
ހޮނިހިރު ދުވަހުގެ ރޭ އެކެފޭއިން ފޭރެން އުޅުނީ އެވެ. އިއްޔެ ހަވީރުން ސުރެ އިންޒާރު ދެމުން ދިޔައީ "ޅިޔަނު ކެފޭ" ރޯކޮށްލާނެ ކަމަށް ބުނެ އެވެ. އެންމެ ފަހުން ދަންވަރު ވަދެ ކެފޭގެ ބިއްލޫރިތައް ތަޅާލީ އެވެ. އެއަށް ފަހު ފަތިހު އައިސް ވޭޓަރުގެ މެޔަށް ވަޅިހަރައި ޒަމަހްކޮށް، މަރާލީ އެވެ. މިއީ ރޭ ޅިޔަނު ކެފޭގައި ބަޔަކު ވަދެ މަރާލި ޝާހިން މިއާ، 24، މަރާލި ހާދިސާ ހިނގި ގޮތެވެ. އޭނާ މަރާލުމުގެ ކުރިން އެތައް ކަމެއް ހިނގި އެވެ.
"ކުރީގައި އަންނަނީ އެކެއްޖަހާ އިރު، އެ ގަޑީގައި ބިއްލޫރި ތަޅާފައި ދިޔައީ، އެގަޑީގައި ސިފައިން [ޕޮލިހުން] ގެންނަނީ. ބޮޑުމީހާ އަންނަނީ. އަނެއްކާ އަންނަނީ ހަތަރެއް ޖަހާ ގަޑީގައި އެގަޑީގައި ޝާހިން މަރަނީ،" ޝާހިން މަރާލި އިރު އެކެފޭގައި ހުރި ކައްކާ ސަން އަށް އެ ހާދިސާ ކިޔައިދެމުން ބުންޏެވެ.
އޭނާގެ ވާހަކައިން އެނގޭ ގޮތުގައި އެކެފޭއަށް ރޭ ދަންވަރު 1:00 ޖަހާއެހާކަންހާ އިރު ފުރަތަމަ ދިން ހަމަލާގައި ކެފޭގެ ބިއްލޫރިތައް ތަޅާލީ އެވެ. އެއަށް ފަހު ހަތަރު މީހުންގެ ގްރޫޕަކުން ދެ ސައިކަލުގައި ކެފޭ ކައިރިއަށް އައީ ރޭ ދަންވަރު 3:50 އެހާކަންހާއިރު އެވެ. އެވަގުތު އެމީހުން ތިބީ މޫނު ނިވާކޮށްގެންނެވެ. އެމީހުން އެކެފޭ އަށް ވަތްވަގުތު ކެފޭގައި ތިބީ އެއް ކައްކާއާއި ދެ ވޭޓަރުންނެވެ.
ރޭގެ މާރާމާރީގައި މަރުވެފައިވާ ބަނގުލަދޭޝް މީހާގެ މެޔަށް ވަޅި ޖަހާފައިވާ އިރު އަނިޔާގެ އިތުރު ތަފްސީލް އެނގޭނީ ޑޮކްޓަރުންގެ ރިޕޯޓް ލިބުމުން ކަމަށް ފުލުހުން ބުންޏެވެ.

"ހަތަރު މީހުން ދެ ސައިކަލް ހޮޓެލްކައިރި މަޑުކުރަނީ. މޫނުބަންދުކޮށްފައި [މޫނު ނިވާކޮށްގެން] މަގޭ ބުނަނީ ޝާހިން[ މަރުވި މީހާ] ބޮސްކައިރި ފޯނުކޮށްބަލަ ޕާޓޭ ގްރޫޕު އަންނަނީ. ދެން ފަސްޓް އަންނަނީ ބިއްލޫރި ޖަހަނީ ފުރިޖު ކައިރި،" ކައްކާ ބުންޏެވެ.
އެ ހަތަރު މީހުންގެ ގްރޫޕުން އެވަގުތު އެކެފޭއަށް ވަދެ ބިއްލޫރިތައް ތެޅުމަށް ފަހު ޝާހިން އަށް ވަޅިން ހަމަލާދިނީ އެވެ. އެއަށް ފަހު ކެފޭގައި ތިބި ދެ މީހުންނަށް ވެސް އަތުން ކޮންމެ ވެސް ވަރެއްގެ ހަމަލާތަކެއްދިނެވެ. އެއަށް ފަހު އެމީހުން އެ ސަރަހައްދު ދޫކޮށް ދިޔައިރު ވެސް އެމީހުން ތިބީ މޫނުނިވާކޮށްގެނެވެ.
ޅިޔަނު ކެފޭގެ ވެރިޔާ ހުސެއިން ޔާސިރު ވިދާޅުވީ އިއްޔެ ހަވީރު 5:30 އެހާކަންހާއިރު ބަޔަކު ވަދެ އެކެފޭގައި ކެމެރާ ހުރިތޯ ބަލާފައިވާ ކަމަށެވެ. އެއަށް ފަހު ދަންވަރު އައިސް ބިއްލޫރިތައް ތެޅީ އެވެ. އަދި އެއަށް ފަހު ފަތިހު ގޮސް ވޭޓަރަށް ހަމަލާދީ މަރާލީ އެވެ. އޭގެން ކޮންމެ ފަހަރަކު ވެސް ކަމާ ބެހޭ ފަރާތްތަކަށް އެކަން އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމައްސަލަތަކާއި ގުޅިގެން ފުުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކެފޭއިން މީހަކު ފޭރެން އުޅުނު މައްސަލައަކާއި ކެފޭގެ ތެރޭގައި މާރާމާރީއެއް ހިނގި މައްސަލައެއް ވެސް އެވަގުތުތަކުން ފެށިގެން ފުލުހުން ތަހުގީގް ކުރަމުންދާ ކަމަށެވެ.
އެކެފޭގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީންނާއި ކެފޭގެ ވެރިޔާ ވެސް ޝާހިން މަރާލި ކަމަށް އިއްތިފާގުވާ އެއް ސަބަބެއް އެބަ އޮތެވެ. އެއީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދިވެއްސަކު ވަދެ އެކެފޭ އިން ފައިސާ ފޭރެން އުޅުމުން ބިދޭސީ ވޭޓަރުން އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމެވެ. އެމީހުން ދެކޭ ގޮތުގައި އެކަމުގެ ބަދަލު ހިފުމުގެ ގޮތުން އެމީހުން ޝާހިން މަރާލީ އެވެ.
"އެމީހުން ބުނީ އޭރުގައި ޖައްސާފައި އޮތް މައްސަލަ ނަގާށޯ[ފޭރުނު]. މިބުނީ ފުލުހުންނަށް ހުށައަޅާފައި އޮތް މައްސަލަ، އެ މައްސަލަ ނުނަގައިގެން ކަމަށް ބެލެވެނީ މިކަމެއް އައިސްގެން މިއުޅެނީ." ޔާސިރު ވިދާޅުވި އެވެ.
ބަދަލު ހިފުމަށް ކަމަށް ތުހުމަތުކުރެވޭ އެ ހަމާލާގައި މަރާލި ޝާހިން އަކީ އެބުނާ މައްސަލައެއް ޖެހުނު ރޭ ޑިއުޓީގައި ހުރި މީހެއް ވެސް ނޫނެވެ. އޭރު ދުވާލު ޑިއުޓީގައި ހުރި ޝާހިން ރޭ ޑިއުޓީއަށް ނެރުނީ އެ މައްސަލަ ޖެހުނު ފަރާތަކުން ޑިއުޓީއަށް ނުނެރެން ވެގެންނެވެ.
އެބުނާ ފޭރުމުގެ މައްސަލައަކާއި ގުޅިގެން ތަފާތު އެހެން ވާހަކަތަކެއް ވެސް ވަނީ އެހެން މަސްދަރަކުން އެނގިފައެވެ. އެއީ އެނގިފައިވާގޮތުގައި އެކެފޭއިން ފޭރުނު ކަމަށް ބުނެ ފުލުހުން ހައްޔަރުކޮށްފައިވަނީ ކުޑަކުއްޖެކެވެ. އެކުއްޖާ ފުލުހުން ބަންދުން ދޫކޮށްލީ އިއްޔެއެވެ. އެކުއްޖާ ފޭރުނު ކަމަށް ބުނެ އެކެފޭގެ ވޭޓަރުންތަކެއް އެކުއްޖާއާއި މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލައެއްވެސް އޮތީ ފެންމަތިވެފައެވެ.
މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ވެސް ވަނީ އެކެފޭ ބަންދުކޮށްފައި ހުރި ވަގުތެއްގައި ކޮފީއެއް ދިނުމަށް އެދުމުން، އެ ކަމަށް އިންކާރު ކުރި ވޭޓަރެއްގެ ބޯ ފަޅާލައި، ޒަހަމް ކޮށްލާފަ އެވެ. މިފަހަރު ބިދޭސީ މީހާ މަރާލި ސަބަބެއް ކަމަށް މިތުހުމަތު ކުރެވެނީ ފުލުހުންނަށް ހުށައެޅި މައްސަލައެއް ނަގަން އެންގުމުން އެކަން ނުކުރުމެވެ.
މާރާމާރީތައް އިތުރުވަމުން އަންނަ އިރު އެ މައްސަލަތަކުގެ ހައްލު ހޯދައި އަވަހަށް ފިޔަވަޅު އަޅަން ޖެހެ އެވެ.