22 Mar 2015, 10:03
ވޯސޯ (މާޗް 22) : އެމެރިކާ އިން ޕޮލެންޑްގެ ވެރިރަށް ވޯސޯ ގެ ކައިރީގައި މިސައިލް އައްޑަނައިގެ ނިޒާމެއް ރުކުރުވާލައިފި އެވެ.
އެމެރިކާގެ "ރެތިއޮން" ކުންފުނިން އުފައްދާ ޕެޓްރިއޮޓް މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމެއްގެ ބެޓެރިތަކެއް ވޯސޯގެ ކައިރީގައި ރުކުރުވާލުމަކީ ރަޝިޔާއަށް އެމެރިކާ ސިން މެސެޖެއްކަމަށް މުރާސިލުން ވަނީ ސިފަކޮށްފަ އެވެ.
މިކަމާ ބެހޭ ގޮތުން ޕޮލެންޑްގެ ދިފާޢީ ވަޒީރު ތޯމަސް ޝިމުނިޔާކް ވިދާޅުވީ މިއީ އެގައުމުގެ އެދުމުގެ މަތިން އެމެރިކާ ރުކުރުވާލި މިސައިލް އައްޑަނައިގެ ބެޓްރީތަކެއް ކަމުގަ އެވެ. އެމެރިކާގެ ދިފާޢީ ވުޒާރާ އިން ހާމަކުރިގޮތުގައި މިކަމުގެ ބޭނުމަކީ ޔުކްރޭންގައި ހިނގަމުންދާ ހަނގުރާމައިގެ ނުރައްކަލުން ސަލާމަތް ވުމުގައި އެމެރިކާގެ އެހީތެރިކަން ޕޮލެންޑަށް ލިބޭނެކަމުގެ ޔަގީންކަން ދިނުމެވެ.
ޕެޓްރިއޮޓް މަރުކާގެ މިސައިލް އައްޑަނައިގެ ބެޓްރީއަކީ އެމެރިކާގައި އުފައްދާ އެންމެ ޒަމާނީ ތެކްނޮލޮޖީގެ ދިފާއީ ނިޒާމެވެ. އެނިޒާމުގެ ބައުތައް ހިމެނޭ 30 އަށް ވުރެ ޓްރެކް ވަނީ ވޯސޯއާ 50 ކިލޯމީޓަރުގެ ދުރުގައިވާ އަސްކަރީ ބޭހެއްގައި މިދިޔަ ހަފްތާގައި ރުކުރުވާލާފަ އެވެ. މިނިޒާމް ޕޮލެންޑްގައި ރުކުރުވާލާފައި ވަނީ
އެމެރިކާގެ 100އަށް އަށްވުރެ ގިނަ އަސްކަރީ މުސްތަޝާރުންނާއި ފަންނީ މީހުންގެ މައްޗަށް އެކުލެވޭ ޓީމަކުންނެވެ. މިނިޒާމް ކޮންޓްރޯލް ކުރަނީ ޔޫރަޕްގައި މަރުކަޒުކޮށްފައިވާ އެމެރިކާ އަސްކަރީ ކޮމާންޑުންނެވެ. ޕޮލެންޑަކީ ރަޝިޔާއާ އިންވެގެންވާ ގައުމެކެވެ. އެހެންކަމުން މިކަމުގެ ސަބަބުން އެމެރިކާއާއި ރަޝިޔާއާ ދެމެދުގައި އުފެދިފައިވާ ދެބަސްވުންތައް އިތުރަށް ގޯސްވެގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ. (ރޮއިޓާސް)