22 Mar 2015, 08:09
ހާބަރު ސަރަހައްދުގައި ހުންނަ "ޅިޔަނު ކެފޭ"ގެ ތެރެ އަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު މަރާލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިލަކަު 'ސަން' އަށް ވިދާޅުވީ ރޭ ހަތަރެއް ޖަހާ އެހާ އޮރު ހިނގި އެ މާރާމާރީގައި މަރުވެފައިވާ ބިދޭސީ މީހާ މަރުވިކަން ހޮސްޕިޓަލުން ޔަގީންކޮށްދީފައިވާ ކަމަށެވެ. އެހެންނަމަވެސް މަރުވެފައި ވަނީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމެއް ނުވަތަ ކުރިން ކަމެއް ބުނަން އެނގޭނީ ހޮސްޕިޓަލުގެ ރިޕޯޓުން ފަހުކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ރޭގެ މާރާމާރީގައި މަރުވެފައިވާ ބަންގްލަދޭޝް މީހާގެ މެޔަށް ވަޅި ޖަހާފައިވާ އިރު އަނިޔާގެ އިތުރު ތަފްސީލް އެނގޭނީ ޑޮކްޓަރުންގެ ރިޕޯޓް ލިބުމުން ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި ރޭގެ މާރާމާރީގައި މަރުވެފައި ވަނީ ޅިޔަނު ކެފޭގައި މަސައްކަތް ކުރާ ބިދޭސީ، ބަންގްލަދޭޝް މީހެކެވެ. މީގެ ކުރިން ވެސް އެ ކެފޭގައި ހިނގި މާރާމާރީއެއްގައި ބިދޭސީއަކު ވަނީ ޒަހަމްކޮށްލާފަ އެވެ. އެހެންނަމަވެސް ރޭގެ ހާދިސާގައި މަރުވެފައި ވަނީ އެމީހާކަމެއް އަދި ސާފެއް ނުވެ އެވެ.
މިދިޔަ އަހަރުގެ މާޗްމަހުގެ ތެރޭގައި ވެސް ވަނީ އެކެފޭ ބަންދުކޮށްފައި ހުރި ވަގުތެއްގައި ކޮފީއެއް ދިނުމަށް އެދުމުން، އެ ކަމަށް އިންކާރު ކުރި ވޭޓަރެއްގެ ބޯ ފަޅާލައި، ޒަހަމް ކޮށްލާފަ އެވެ.