22 Mar 2015, 01:51
އިނގިރޭސި ޕްރިމިއަ ލީގުގައި މިރޭ ފްރާންސް ފޯވާޑް އޮލިވާ ޖިރޫ، ހަތަރު މިނިޓްތެރޭ ކާމިޔާބުކޮށްދިން 2 ލަނޑާއެކު 2-1 އިން ނިއުކާސަލް ޔުނައިޓެޑް އަތުން އާސެނަލް މޮޅުވެއްޖެ އެވެ. މި ނަތީޖާއާއެކު އާސެނަލް ވަނީ އެޓީމު ލީގުގައި މިހާތަނަށް ކުޅުނު 30 މެޗުން ޖުމުލަ 60 ޕޮއިންޓް ހޯދައި، ލީގުގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު އޮތް އެއް ޕޮއިންޓުގެ ފަރަގު ދަމަހައްޓައިފައެވެ. ލީގު ތާވަލުގެ އެއް ވަނައިގައި އަދިވެސް އޮތީ 64 ޕޮއިންޓް ހޯދާފައިވާ ޗެލްސީ އެވެ. ޖަރުމަން ޕްލޭ މޭކާ މެސުޓް އޮޒިލްއާ ނުލައި އާސެން ވެންގާގެ ޓީމު މިރޭ ކުޅެފައިވާއިރު، އެލެކްސިސް ސަންޗޭޒާއި ޑެނީ ވެލްބެކާއެކު ރަނގަޅު ޕާޓްނަރޝިޕެއް ހަދައި ޖިރޫ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. ނިއުކާސަލްގެ އަމިއްލަ ދަނޑުގައި މިރޭ ކުޅުނު ފޯރިގަދަ މެޗުގައި އާސެނަލްގެ ފުރަތަމަ ލަނޑު ޖިރޫ ކާމިޔާބުކުރީ މެޗުގެ 24 ވަނަ މިނިޓްގައެވެ. ސަންޓި ކަޒޯލާ އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ޑެނީ ވެލްބެކް ގައިގަ ޖެހިފައި ގޮސް، ނިއުކާސަލްގެ ޕެނަލްޓީ އޭރިޔާގެ މެޗުތެރޭގައި ހުރެ ޖިރޫއަށް ލިބުމުން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ، ގޯލްގެ ކަނާތްފަރާތުން ތިރީ ކަނަށެވެ. އޭގެ ހަތަރު މިނިޓްފަހުން އާސެނަލްއަށް ލިބުނު ކޯނަރަކުން ނިއުކާސެލްގެ ގޯލް ކުރިމައްޗަށް ކަޒޯލާ ހުރަސްކޮށްލި ބޯޅަ ގޯލްގެ ވާތްފަރާތުން ތިރީ ކަނަށް ޖިރޫ ފޮނުވާލީ އޭރިޔާގެ މެދުތެރޭގައި ހުރެ ބޮލުން ޖަހައެވެ. ނިއުކާސަލްގެ ސަޕޯޓަރުން ވަނީ އެޓީމުން ފުރަތަމަ ހާފުގައި ދެއްކި ކުޅުމާ ދޭތޭރޭގައިހިތްހަމަ ނުޖެހުން ފާޅުކޮށް ދެވަނަ ހާފަށް އެޓީމު ދަނޑަށް ނުކުތުމާއެކު ކުޅުންތެރީންނަށް ފުރައްސާރަކޮށް"ބޫ" އަޅުވާ ހަދައިފައެވެ. ދެ ލަނޑުގެ ލީޑަކާއެކު އާސެނަލް ދެވަނަ ހާފު ފެށި ނަމަވެސް ނިއުކާސަލުން ވަނީ މާ ގިނައިރުތަކެއް ނުވެ ލަނޑެއް ކާމިޔާބުކޮށް އާސެނަލްގެ ދެލަނޑުގެ ލީޑު ހަނިކޮށްފައެވެ. އެޓީމު ކާމިޔާބުކުރި ހަމަ އެކަނި ލަނޑު 48 ވަނަ މިނިޓްގައި ޖަހައިދިނީ، މޫސާ ސިސޯކޯއެވެ. ރެމީ ކަބެއްލާ އާސެނަލްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު ސިސޯކޯ ފޮނުވާލީ އާސެނަލްގެ ގޯލްގެ ކަނާތްފަރާތުން ތިރީ ކަނަށެވެ.

އާސެނަލްގެ ޑެނީ ވެލްބެކް ނިއުކާސަލްގެ 3 ކުޅުންތެރީން ކައިރިން ބޯޅަހޯދައިގެންދާން މަސައްކަތްކުރަނީ -- ފޮޓޯ: އޭޕީ
ރެލިގޭޝަން ޒޯނާ 10 ޕޮއިންޓު ދުރުގައި އޮތް ޖޯން ކާވަރގެ ނިއުކާސަލް މިރޭގެ ބައްޔާއެކު މިއީ އެޓީމުއެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިވި ހަތަރުވަނަ ފަހަރެވެ. މެޗަށްފަހު ކާވަރ ބުނީ، ފުރަތަމަ ހާފުގެ ކުޅުން ނިމުމުން އޭނާ ކުޅުންތެރީންނާ ވާހަކަދެއްކި ކަމަށާއި އަދި ދެވަނަ ހާފުގައި އޭނާގެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި ކަމަށެެވެ. "ތި ޖާޒީ އަޅައިގެން ތިބެ ފަހުރުވެރި ވެވޭފަދަ ކުޅުމެއް ދައްކަން ޖެހޭކަމަށް ކުޅުންތެރިންނަށް އަހަރެން ވިސްނައިދިނިން. ސަޕޯޓަރުން ފޯރިނަގައި ހަޅެއްލަވައިލާނޭ ފަދަ ކަމެއް ކޮށްދިނުމަށް އެދުނިން. އަދި އަހަރެމެން އެކަން ކާމިޔާބުކުރިން،" ނިއުކާސަލް ކަނޑުޖެހުމާއެކު ސަޕޯޓަރުންގެ އަޑު ގަދަވެ ދަނޑަށް ދިރުން ލިބުނުކަން ފާހަގަކޮށް ކްލެވަރ ބުންޏެވެ. އާސެނަލްއިން ފުރަތަމަ ހާފުގައި ދެއްކި ކުޅުމާ އަޅައިބަލާއިރު އެޓީމުން ދެވަނަ ހާފުގައި ދެއްކި ކުޅުން ދަށް ނަމަވެސް ކޯޗު ވެންގާ ބުނީ، އެއީ މައްސަލައެއް ނޫން ކަމަށެވެ. "އަހަރެމެން މެންޗެސްޓާގައި އެއްމެޗު ކުޅެފިން، ވެސްޓްހެމްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި މެޗެއް ކުޅެފިން، އަންގާރަދުވަހު މޮނާކޯގައި މެޗެއް ކުޅެފިން އަދި މިއީ މި ދެހަފްތާ ތެރޭ ކުޅޭ ތިންވަނަ އަވޭ މެޗް. އަހަރެމެންގެ މިރޭގެ ކުޅުމާ ދޭތެރޭ އަހަރެން ފަހުރުވެރިވަން،" ވެންގާ ބުންޏެވެ. ވެންގާ ބުނީ، އެޓީމަށް މިހާރު 60 ޕޮއިންޓް ލިބިފައިވާ ކަމަށާއި އޭނާގެ މިހާރުގެ ޓާގެޓަކީ ލީގުގައި ދެވުނު އެންމެ ކުރިއަކަށް ދިއުން ކަމަށެވެ. ބާކީ އަށް މެޗު އޮތްއިރު، ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި އާސެނަލުން ގިނަ ޕޮއިންޓުތަކެއް ހޯދާފައިވާކަން ފާހަގަކޮށް ވެންގާ ބުނީ، ކުރިއަށް ހުރި ހުރިހާ މެޗެއްވެސް ކާމިޔާބުކުރާން ބޭނުން ކަމަށެވެ.