21 Mar 2015, 23:20
ވިލް ފްރެޑް ބޮނީ، މެންޗެސްޓާ ސިޓީއަށް ޖަހައިދިން ފުރަތަމަ ލަނޑާއެކު 3-0 ގެ ނަތީޖާއަކުން ވެސްޓް ބްރޮމް އަލްބިއޮން ބަލިކޮށް އިނގިރޭސި ޕްރިމިއަ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް ޗެލްސީއާ ތިން ޕޮއިންޓް ގާތަށް ސިޓީ ޖެހިލައިފި އެވެ. މިރޭ ކުޅުނު މެޗް ކާމިޔާބުކޮށް ހޯދި ތިން ޕޮއިންޓާއެކު، 30 މެޗު ކުޅެގެން ސިޓީއަށް މިހާރު ވަނީ ޖުމުލަ 61 ޕޮއިންޓް ލިބިފައެވެ. އެގޮތުން ސިޓީއަށް ވުރެ ދެމެޗު މަދުން ކުޅެ ތާވަލުގެ އެއްވަނައިގައި އޮތް ޗެލްސީއަށް މިހާތަނަށް ލިބިފައިވަނީ 64 ޕޮއިންޓެވެ. 60 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި އޮތީ އާސެނަލްއެވެ. ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު ފޯރިގަދަ މެޗުގެ 89 ވަނަ ސިކުންތުގައި މެޗުގެ ރެފްރީ ނީލް ސްވަބްރިކް ވަނީ، ވެސްޓް ބްރޮމްގެ ނުބައި ކުޅުންތެރިއަކަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. އެޓީމުގެ ޕެނަލްޓީ އޭރިޔާ ކައިރިން ޑިފެންޑަރު ކްރެއިގް ޑޯސަން ސިޓީގެ ބޯނީއަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ނީލް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލީ ވެސްޓް ބްރޮމްގެ ގެރެތު މެކުއަލީ އެވެ.

ރެފްރީ ނީލް ވެސްޓް ބްރޮމްގެ ގެރެތު މެކުއަލީއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލަނީ -- ފޮޓޯ: ބީބީސީ
މެޗުގެ ދެ ވަނަ މިނިޓުން ފެށިގެން 10 ކުޅުންތެރީންނާއެކު ކުޅެމުން ދިޔަ ވެސްޓް ބްރޮމްގެ ގޯލް ސިޓީއަށް ހުޅުވާލަ ދިނީ 27 ވަނަ މިނިޓްގައި ވިލް ފްރެޑް ބޮނީ އެވެ. މިއީ އޭނާ މިދިޔަ ޖެނުއަރީ ޓްރާންފާގައި 25 މިލިއަން ޕައުންޑަށް ސިޓީއާ ގުޅުނު ފަހުން އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އެއްކުޅުންތެރިއަކު މަދުން ކުޅެން ޖެހުމުން ވެސްޓް ބްރޮމް ކުޅެމުން ދިޔައީ ވަރަށް ބޮޑަށް ޑިފެންސަށް އިސްކަންދީގެނެނެވެ. އެހެން ނަމަވެސް ހާފް ނިމުމުގެ ކުރިން ސިޓީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މެޗުގެ 40 ވަނަ މިނިޓްގައި އެ ލަނޑު ސިޓީއަށް ކާމިޔާކޮށްދިނީ އެޓީމަށް ލިބުނު ކޯނަރެއް ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ވަގުތު، ކަނާތުފައިން ޖަހައި ގޯލްތެރެއަށް ބޯޅަ ފޮނުވާލައިގެން ސިޓީގެ ފެނާންޑޯ އެވެ. ފެނާންޑޯގެ އެ ލަނޑަކީ ޕްރިމިއަ ލީގުގައި މެންޗެސްޓާ ސިޓީ ކާމިޔާބުކުރި 1000 ވަނަ ލަނޑެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރީން މެނުއަލް ޕެލެގްރިނީގެ ސިޓީން ވަނީ ވެސްޓް ބްރޮމްގެ ގޯލަށް އަމާޒުކޮށް 26 ހަމަލާ ފޮނުވާލައިފަ އެވެ. މެޗުގެ ފަހު ހާފުގައި ވެސް ސިޓީން އިދިކޮޅު ޓީމުގެ ގޯލަށް 17 ހަމަލާ ފޮނުވާލާފައިވާ އިރު އެޓީމުން ވަނީ މެޗުގެ 78 އިންސަތައް ޕޮސެޝަން ކޮންޓްރޯލް ކޮށްފައެވެ. ފަހު ހާފުގައި ސާޖިއޯ އަގުއެރޯ ފޮނުވާލި ބާރު ހަމަލާ ވެސްޓް ބްރޮމްގެ ގޯލްގެ ދަނޑިއަށް އަމާޒުވެފައި ވާއިރު، ބޯނީ ފޮނުވާލި ބާރު ހަމަލާއެއް ވެސް ވަނީ ގޯލްގެ ދަނޑިއަށް އަމާޒުވެފައެވެ. މެޗުގައި ވެސްޓް ބްރޮމްއިންވެސް ސިޓީގެ ގޯލަށް ނުރައްކާ ކުރިއެވެ. ސިޓީގެ ކުރީގެ ޑިފެންޑަރު ޖޮލިއޯން ލެސްކޮޓް ފޮނުވާލި ނުރައްކާތެރި ހަމަލާ ގޯލްގެ މަތިން ގޮސްފައިވާ އިރު ސައީދު ބޭރަހިން ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލް ދަނޑިއަށެވެ. ސިޓީގެ ފަހު ލަނޑު މެޗުގެ 77 ވަނަ މިނިޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ސްޓީވަން ޖޮކޮވިޗް ތަނަވަސްކޮށްދިން ފުރުސަތަކުން ޑޭވިޑް ސިލްވާ އެވެ. ޕްރިމިއަ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ނިއުކާސަލްއާ ވާދަކޮށް އާސެނަލް ވަނީ 2-1 ލަނޑުން މޮޅުވެފަ އެވެ. އެސްޓަން ވިލާ އަތުން 1-0 އިން ސްވަންސީ މޮޅުވި އިރު، ސައުތެމްޓަން ވަނީ 2-0 އިން ބާންލީ ބަލިކޮށްފަ އެވެ. އަދި ލެސްޓާ ސިޓީ އަތުން 4-3 އިން ޓޮޓެންހަމް މޮޅުވި އިރު ސްޓޯކް ވަނީ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން 1-2 އިން ބަލިވެފަ އެވެ. ވެސްޓްހޭމް އާއި ސަންޑަލޭންޑް ވާދަކުރި މެޗު ނިމުނީ 1-0 އިން ވެސްޓްހޭމް މޮޅުވެގެންނެވެ.