ރައީސްގެ އަނބިކަބަލުން ފާތުމަތު އިބްރާހީމަށް ކާރެއް ގެނަދެއްވި ކަމަށް ވިދާޅުވެ މަހްލޫފް ދައްކަވަނީ ދޮގު ވާހަކައެއް ކަަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގަައި އަދީބު ވިދާޅުވީ، އެ ބޭފުޅާ އަކީ މަހްލޫފް ވިދާޅުވާހެން މާ މުއްސަދި ބޭފުޅެެއް ނޫންކަމަށެވެ.

އަދި މަހުލޫފް މިހާރު ދައްކަވަމުންދާ ވާހަކަތަކަކީ ބަޔަކު 'ފައިސާދިގެން ރީލޯޑް" ކޮށްގެން ދައްކާ ވާހަކަތަކެއް ކަމަށް އަދީބު ތުހުމަތު ކުރެއްވި އެވެ.

އެމްޑީޕީން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން މަހުލޫފު ވިދާޅުވެފައި ވަނީ، ރައީސް ޔާމީންގެ އަނބިކަނބަލުންގެ އުފަންދުވަހުގެ ހަދިޔާއަކަށް، 80،000 ޑޮލަރުގެ އަގުހުރި ކާރެއް އަދީބު ހަދިޔާކޮށްފައިވާ ކަމަށެވެ.

މަހުލޫފްގެ ފާޑުކިއުންތައް މިހާރު ރައީސްގެ އަނބިކަނބަލުންނަށް އަމާޒުކޮށްފައި ވަނީ ރައީސް ޔާމީންގެ ވަރަށް ގިނަ ސިޔާސީ މަަސައްކަތްތައް 'މެޑަމް ފާތުންގެ އޮފީހުން ކުރިޔަށްގެންދަވާތީ" ކަމަށްވެސް އަދީބު ވިދާޅުވި އެވެ.

" މެޑަމް ފާތުން އަށް ވަރަށް ބޮޑަށް އެ ބޭފުޅާ އެ ޓާގެޓް ކުރައްވަމުން އެދަނީ އެ ބޭފުޅުންނަށް އެނގޭ މިއަދު ޕީޕީއެމްގެ ވަރަށް ބޮޑު ހަރަކާތެއް، އަދި ވަކިން ޚާއްސަކޮށް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ސިޔާސީ ހަރަކާތްތައް މެޑަމް ފާތުންގެ އޮފީހުން ވަރަށް ބޮޑަށް ކޮށްދެއްވާކަން،" މަހްލޫފް ރައީސްގެ އަނބިކަބަލުންނަށް ފާޑުވިދާޅުވަނީ މި ސަބަބާއި ހުރެ ކަމަށް އަދީބު ވިދާޅުވި އެވެ.

މަހްލޫފް ވިޔަފާރިވެރިއެއްގެ އަތުން ލޯނެއް ނަގާފައިވާ ކަމަށް ވެސް އަދީބު ވަނީ ތުހުމަތު ކުރައްވާފައެވެ.

" މަހުލޫފް ވަނީ އަޅުގަނޑުގެ ރައްޓެހި ވިޔަފާރިވެރިއެއް އަތުން ވަރަށް ބޮޑު ލޯނެއް ނަގާފައި. މިހާރު އެ ނުދައްކަން އެއުޅެނީ. ދެން އެ ބޭފުޅާ ދާނެ އެ ބޭފުޅާ ގޮވައިގެން ދާންޖެހޭ ތަންތަނަށް،" އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ، މިވަގުތު ރާއްޖޭގައި ވަކި ފިކުރެއްގެ ގޮތުގައި އޮވެގެން މަސައްކަތްކުރާ ހަމައެކަނި ޕާޓީ އަކީ ޕީޕީއެމް ކަމަށެވެ. އަދި މި ޕާޓީގެ ފިކުރަކީ ރައީސް މައުމޫނާއި ރައީސް ޔާމީނުގެ ފިކުރުކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

އެ ފިކުރަކީ " އެންމެ ފުރަތަމަ ގައުމު،" އަދީބު ވިދާޅުވިއެވެ.