ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބުކުރައްވާނެ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވުނު ބައި-އިލެކްޝަންތައް ސަރުކާރު ކޯލިޝަނަށް ކާމިޔާބު ކުރެވުމުން އެކަމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދީބު ވިދާޅުވީ، ސަރުކާރުގެ ކޯލިޝަނުން މި ކުރަމުންގެންދާ މަސައްކަތާއި އެކު 2018 ރައީސް ޔާމީން އެއްބުރުން ކާމިޔާބު ހޯއްދަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އަދީބު ވިދާޅުވީ، ބައި އިލެކްޝަންތަކުގެ ކާމިޔާބުން ދައްކުވައިދެނީ މިއަދުގެ ސަރުކާރަށް އޮތް ކާމިޔާބީ ކަމަށެވެ. ރިޔާސީ އިންތިޚާބަށްފަހު ބޭއްވި އަށް ބައި އިލެކްޝަންގެ ތެރެއިން ހަ ބައި އިލެކްޝަނެއް ސަރުކާރުގެ ކޯލިޝަންގައި މިއަދު ތިބި ޕީޕީއެމް އާއި އެމްޑީއޭ އިން ވަނީ ކާމިޔާބުކޮށްފައެވެ.

މިއަދު ބޭއްވި ހއ. މުރައިދޫ ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބުކޮށްފައި ވަނީ 208 ވޯޓާއި އެކު ޕީޕީއެމް އެވެ. މީދޫ ދާއިރާގެ ބައި އިލެކްޝަން 997 ވޯޓާއި އެކު ކާމިޔާބު ކުރީ އެމްޑީއޭ އެވެ.

މިހާރު ސަރުކާރު ކޯލިޝަން ގައި ހިމެނޭ ހަމައެކަނި ޕާޓީ އެމްޑީއޭއަށް އަދީބު ވަނީ ތައުރީފް ކުރައްވާފައެވެ.

" މިހާތަނަށް އެއްވެސް ކަހަލަ ދެ ގޮތެއްނުވެ އަދި ހަަމައެހެންމެ އެ ބޭފުޅުންގެ މާބައިވަރު އަމިއްލަކަމެއް ނެތި އަޅުގަނޑުމެންނާއި އެކީގައި ވަރަށް ބޮޑަށް ރައީސް ޔާމީނާއި އެކީގަ ހުންނަވާ ސިޔާމް. އަޅުގަނޑުމެންގެ ރައީސް އާއި އެކީގަ ހަަމަ ހުރިހާ ސްޓޭޓް ވިޒިޓެއްގަައި ވެސް ސިޔާމް ސަރ ބައިވެރިވެވަޑައިގަންނަވަމުން އެދަނީ " އަދީބު ވިދާޅުވި އެވެ.

މިހާރު ސިލްސިލާކޮށް އެމްޑީޕީން ކުރަމުންދާ މުޒާހަރާތަަކަށް އަދީބު ވަނީ ފާޑުވިދާޅުވެފައެވެ.

" މަގުމަތީގައި މުޒާހަރާކޮށްގެނެއް ނޫން ނަތީޖާ ނެރެވެނީ، އެއީ އެއްވެސް ކަހަލަ ނަތީޖާއެއް ނެރެވޭނެ ވެސް ކަމެއް ނޫން. އަދި ހަމަ އެހެންމެ ރައްޔިތުންނަށް ފައިދާވާނެ ކަމެއް ވެސް ނޫން،" ޕީޕީއެމްގެ ނައިބު ރައީސް ވިދާޅުވި އެވެ.

ޕީޕީއެމް އޮފީހުގައި މިއަދުބޭއްވި އެ ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވިއެމްޑީއޭގެ ސެކްރެޓަރީ ޖެނެރަލް އިސްމާއީލް ސައީދު ވިދާޅުވީ، އެމްޑީއޭއިން މިހާތަނަށް ބައިވެރިވި ތިން ބައި-އިލެކްޝަން ވެސް އެޕާޓީން ކާމިޔާބުކޮށްފައި ވާކަމަށެވެ. އަދި އެ ޕާޓީއަށް ރައްޔިތުންކުރާ ތާއީދު އިތުރުވަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ބައްދަލުވުމުގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވީ ބައި އިލެކްޝަންތަކުގެ ނަތީޖާތަކުން މި ސަރުކާރުގެ ކާމިޔާބީ ހާމަވާ ކަަމަށެވެ.