"ގެސްޓްހައުސަސް އޮފް މޯލްޑިވްސް" ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ގެސްޓްހައުސްތަކަށް އަމާޒުކޮށްގެން މަޖައްލާއެއްް ނެރެފި އެވެ.

ރާއްޖޭގައި ބާރަށް ކުރިއަރަމުން އަންނަ ގެސްޓްހައުސް ވިޔަފާރިއަށް ހާއްސަކޮށްގެން ނެރުނު މަޖައްލާއަކީ ބައިނަލްއަޤްވާމީ ޓްރެވަލް އެޖެންޓުންނަށާއި ފަަތުރުވެރިންނަށް ހާއްސަކޮށްގެން، ބައިނަލްއަޤްވާމީ ބޮޑެތި ޓްރެވަލް ފެއާ ތަކުގައި ހިލޭ ބަހާނެ މަޖައްލާއެއް ކަމަށާއި އަދި މިކަމުގެ ސަބަބުން ގެސްޓްހައުސް މާކެޓް ވަރަށް ބޮޑަށް އިސްތިހާރުވެގެންދާނެ ކަމަށް މަޖައްލާ ތައްޔާރުކުރި މޯލްޑިވްސް ގެޓްއަވޭސް ޕްރައިވެޓް ލިމިޓެޑުގެ މެނެޖިންގ ޑިރެކްޓަރ އަޙްމީމް ޢަބްދުއްރައްޒާޤް ވިދާޅުވި އެވެ.

އަހަރަކު އެއް ފަހަރު ނުކުންނަ 5000 ކޮޕީ ޕްރިންޓްކުރެވޭ މެގަޒިން ހުރިހާ ގެސްޓްހައުސްތަކުންނާއި އަދި އެއަލައިންތަކާއި އަދިވެސް ގިނަތަންތަނުން ލިބެން ހުންނާނެ ކަމަށާއި، އަދި އެ މަޖައްލާއަށް ހާއްސަވެބްސައިޓްމެދުވެރިކޮށް ގެސްޓްހައުސްތަކާއި ބެހޭ މަޢުލޫމާތު ބެލޭނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ 60 އަށްވުރެ ގިނަ ރަށުގައި 240 އަށްވުރެ ގިނަ ގެސްޓްހައުސް އެބަހުރިކަމަށާއި ކުރިއަށް އޮތް އަހަރަތަކުގެ ތެރޭގައި މިއަދަދު ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށާއި، އަދި މިވިޔަފާރި އަކީ ރާއްޖޭގެ ގިނަބަޔަކަށް ނުހަނު ގިނަގުނަ މާލީ ފައިދާ ލިބެގެންދާނެ ވިޔަފާރިއަކަށް ވަމުންދާކަމަށް އަޙްމީމް ވިދާޅުވިއެވެ.

"މެގަޒިން ފުރަތަމަ އަހަރު ކަމަށްވުމުން އަޅުގަނޑުމެންވަނީ އިތުރު ރިވައިޒްްޑް އެޑިޝަން އެއް މެއި މަހު ނެރުމަށް ނިންމާފަ. ކުރިން ބައިވެރިނުވެވުނު ފަރާތްތަކުގެ އެދުމުގެ މަތިން ހުޅުވާލެވޭ ފުރުސަތެއް މިއީ. މެގަޒިން ވަރަށް ގިނަ ތަންތަނުން ލިބެން ހުންނާނެ. އަދި މޭޖަރ ޓްރެވަލް ފެއަރ ތަކުގައިވެސް ހިލޭ ބެހޭނެ. އަޅުގަނޑުމެން ގެ ބިޒްނަސް ޕާޓްނަރުން މެދުވެރިކޮށްވެސް މި މެގަޒިން ލިބޭނެ،" އަޙްމީމް ވިދާޅުވި އެވެ.

މި މެގަޒިންގައި ރާއްޖޭގެ ތާރީހާއި ގެސްޓްހައުސް ޓޫރިޒަމާ ބެހޭ މައުލޫމާތުތަކާއި، ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވުނު ގެސްޓުހައުސްގެ ވެރިފަރާތުގެ ބަސްދީގަތުމެއްވެސް ހިމަނާފައިވެ އެވެ.