21 Mar 2015, 18:27
އޭއެފްސީން އަންޑަ 23 ޗެންޕިއަންޝިޕް ކޮލިފިކޭޝަންގައި ވާދަކުރުމަށް ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު މިއަދު އޯމާނަށް ފުރައިފި އެވެ.
އޮމާނަށް ފުރުމުގެ ކުރިން މިއަދު މެންދުރު 23 އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗް އަދި ރާއްޖޭގެ ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ޣަނީ ބުނީ، އެ މުބާރާތަށް ޓީމް ވެފައިވާ ތައްޔާރީތަކާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.
"ތައްޔާރީތައް ދިޔައީ ވަރަށް ރަނގަޅަށް. ޓީމުގެ ތަމްރީނުތައް ކުރިއަށް ގެންދިޔައީ މިހާރު ސީނިއާ ގައުމީ ޓީމާއި ހަވާލުވެ ހުރި ކޯޗް ޕޮޕޯފްގެ ބެލުމުގެ ދަށުން. ކޯޗްވެސް ވަރަށް ހިތްހަމަޖެހޭ ތައްޔާރީތަކާ މެދު،" އައްސަދު ބުންޏެވެ.
އައްސަދު ބުނީ މިހާރު އޮތް ގައުމީ 23 އަހަރުން ދަށުގެ ޓީމަކީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެ އުމުރުފުރައިގެ އެންމެ ރަނގަޅު ޓީމް ކަމަށެވެ. ނަމަވެސް މީގެ ކުރިން މިފަދަ މެޗުތަކެއްގެ ތަޖުރިބާ ލިބިފައި ނުވުން ވެގެން ދާނީ ޓީމަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމަކަށް ކަމަކަށް ކަން އައްސަދު ވަނީ ފާހަގަ ކޮށްފައެވެ.
"މުބާރާތުގައި ވާދަކުރާނީ ހުރިހަ ގޮތަކުންވެސް ރާއްޖެއާ ވަރަށް ތަފާތު ޓީމްތަކެއް. މިއީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ރަނގަޅު އެއް ޒުވާން ޓީމު، ޓީމުގެ ކުޅުންތެރިންނަކީވެސް ވަރަށް ފެންވަރު ރަނގަޅު ކުޅުންތެރިން. އުންމީދަކީ ރަނގަޅު ނަތީޖާއެއް މި މުބާރާތުން ހޯދުން، ނަމަވެސް މި ދެންނެވި ފަދައިން، ތަޖުރިބާ މަދު ކަމަކީ އަޅުގަނޑުމެން ކުރިމަތިލާން ޖެހޭ ކަމެއް،" އައްސަދު ބުންޏެވެ.

އޭގެ އިތުރުން އައްސަދު ވަނީ އެ މުބާރާތަކީ ރާއްޖޭގެ ޒުވާން ހުނަރުވެރި ކުޅުންތެރިންނަށް ވަރަށް ރަނގަޅު ތަޖުރިބާއަކަށް ވެގެން ދާނެ މުބާރާތެއްކަން ފާހަގަ ކޮށްފައެވެ.
"ކޮންމެ ސިފައެއްގައި ވިޔަސް މިއީ މިހާރު ރާއްޖޭގެ ގައުމީ ޓީމުގެ މުސްތަގުބަލު. 23 އަހަރުން ދަށުގެ ޓީމުގެ ގޮތުގައި މިހާރު މުބާރާތެއްގައި ވާދަކުރިއަސް މިއީ ކުރިއަށް އޮތްތާނގައި ސީނިއާ ގައުމީ ޓީމުން ފެންނާނެ ކުޅުންތެރިން. ސީނިއާ ގައުމީ ޓީމަށް އެރޭ ފެންވަރުގެ ކުޅުންތެރިން ޓީމްގައި އެބަތިބި. އެހެން ކަމުން މި މުބާރާތަކީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް،" އައްސަދު ބުންޏެވެ.
މިއަދު އޮމާނަށް ފުރި 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ހަވީރު ސްޕޯޓްސް އިން ހޮވި މިދިޔަ އަހަރުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ، މުހައްމަދު އިރުފާން (އިރޭ) އެވެ. އަދި އައްސަދު ހެޑް ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައި ވާއިރު، ޓީމްގެ މެނޭޖަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ހުސެއިން ޖަވާޒް އެވެ.
އޭއެފްސީ އަނޑަ 23 ޗެންޕިއަންޝިޕް ކޮލިފިކޭޝަންގައި ރާއްޖޭގެ ޓީމް އެންމެ ފުރަތަމަ ވާދަކުރާނީ ލެބަނަން އާ ދެކޮޅަށެވެ. އެ މެޗު ކުޅެން ހަމަޖެހިފައި ވަނީ މިމަހުގެ 23 ވަނަ ދުވަހު އެވެ. ލެބަނަންގެ އިތުރުން، މުބާރާތުގެ ގްރޫޕް 'އޭ' ގައި ހިމެނޭ ބަހުރައިން އާ ދެކޮޅަށް 25 ވަނަ ދުވަހު ނިކުންއިރު، ދެން ކުޅޭ ދެ މެޗުގައި ވާދަކުރާނީ 27 އަދި 29 ވަނަ ދުވަހު އިރާގާއި އޯމާނާ ދެކޮޅަށެވެ.