ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރެއްވުމަށް ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް އިތުރު 1000 ކޯޓާ ދީފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ސައުދީ އަރަބިއްޔާ އަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއާ އެކު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ)ގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ މީހުން ހައްޖަށް ދިއުމަށް ސައުދީން މިހާތަނަށް ދީފައި ވަނީ ވެސް 1000 ކޯޓާ ކަމަށެވެ.

"އަޅުގަނޑު ހަމަ ވަރަށް އުފަލާ އެކު ދިވެހި ރައްޔިތުންނަށް ދޫކޮށްލަން ބޭނުންވާ މެސެޖަކީ ރައީސް ޔާމީންގެ މި ދަތުރުފުޅުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވަރަށް އުފާވެރި ކަމެއް އަޅުގަނޑުމެންނަށް މަގުފަހިވެއްޖެއޭ. އެއީ އަޅުގަނޑުމެންނަށް ސައުދީގެ ފަރާތުން ރާއްޖެ އަށް ހައްޖަށް މީހުން ގެންދިއުމަށް އިތުރު 1000 ކޯޓާ ވަނީ ދީފައި. އެހެންކަމުން ހައްޖަށް ދިއުމަށް ރާއްޖެއަށް މުޅި ޖުމުލަ 2000 ކޯޓާ ވަނީ ލިބިފައި. މިއީ އެހެން ގައުމަކަށް ލިބިފައިވާ އަދަދެއް ނޫން،" ޝަހީމް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނު ސައުދީ އަށްކުރެއްވި ދަތުރުފުޅާ ގުޅިގެން، ސައުދީ ސަރުކާރުން މިހާރު އަހަރަކު ދެމުން އަންނަ ސްކޯލާޝިޕްގެ އަދަދު 50 އިން 150 އަށް ރަސްގެފާނު ހަމަޖައްސަވައިދެއްވާފައިވާ ކަމަށެވެ.