21 Mar 2015, 16:23
ދިވެހިރާއްޖެއަށް ބޭނުންވާ ގިނަ ދާއިރާތަކަކުން އެހީވެދޭނެ ކަމުގެ ޔަަގީންކަން ސައުދީ ސަރުކާރުން ދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.
ސައުދީއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެއަށް ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި މީޑިއާއަށް މައުލޫމާތުދެއްވަމުން ރައިސް ވިދާޅުވީ، ތައުލީމާއި ސިއްހަތާއި އަސްކަރީ އަދި އިސްލާމިކް އެފެއާޒް ފަދަ ދާއިރާތަކުން އެއްބާރުލުންދޭން އެއްބަސްވެފައިވާކަމަށެވެ.
މީގެ އިތުރުން ރާއްޖެއަށް ބޭނުންވާ އިންވެސްޓްމެންޓާއި ބެހޭ ގޮތުންވެސް މަޝްވަރާ ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ދަތުރުގައި "ވަރަށް ބިނާކުރެނިވި" ކަންތައްތަކެއް ނިމިގެން ދިޔަކަމަށް ރައީސް ވިދާޅުވި އެވެ.
" އަޅުގަނޑުމެން އުއްމީދުކުރަން މި ދަތުރުގެ ނަތީޖާއަކަށް ވެގެންދާނީ އަޅުގަނޑުމެން މިއެދޭ ވަަރަށް ގިނަ ކަންތައްތައް ހަމަޖެހިގެން ދިއުން. އަޅުގަނޑަށް ކަށަވަރުވެގެންދާ ކަމަަކީ އަޅުގަނޑުމެންނާއި ސައުދީ އަރަބިޔާ އާއި ދޭތެރޭގައި މި އޮތީ ވަރަށް ރަނގަޅު ގުޅުމެއް އެހެންނަމަވެސް މި ދަތުރާއި އެކީ މި ގުޅުން ވަރަށް ބޮޑަށް ބަދަހިވިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" ރައީސް ވިދާޅުވި އެވެ.
އަދި ގުޅުން ބަދަހިވެފައިވާ ކަން ރަމްޒުކޮށްދިނުމުގެ ގޮތުން ކުރިޔަށް އޮތް ދެ ތިން މަސްދުުވަހުގެ ތެރޭ އެގްރިމެންޓްތަކުގައި ސޮއިކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މަތީ ތައުލީމަށް 150 ފުރުސަތު ރާއްޖެއަށް ދިނުމަށް ސައުދީ ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި ފުރުސަތުތަށް އޮތީ ހަމައެކަނި އަރަބި އިސްލާމީ ތައުލީމަށް ނޫންކަމަށާއި އެހެންދާއިރާތަކުން ވެސް ފުރުސަތު އޮންނާނެ ކަަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ސައުދީ ފަންޑު ފޮރ ޑިވެލޮޕްމެންޓުން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ލޯނު އެހީ ނުވަތަ ސައުދީ ސަރުކާރުން އެކަންކޮށްދެވެން އޮތް އެންމެ ރަނގަޅުގޮތަކަށް މަސައްކަށްކޮށްދެވާނޭ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މިއަދު އެއާޕޯޓްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް އިތުރު 1000 ހައްޖު ކޯޓާ ސައުދީ އިން ދީފައިވާ ކަމަށާއި މިހާރު ރާއްޖެ އިން އަހަރަކު 2000 މީހުންނަށް ހައްޖަށް ދެވޭނެ ކަމަށެވެ.