21 Mar 2015, 15:45
ރާއްޖޭގެ ގައުމީ 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގައި މިޑްފީލްޑަރެއްގެ މަގާމް އަދާ ކުރާ ޒުވާން ކުޅުންތެރިޔާ މުހައްމަދު އިރުފާން (އިރޭ) ހަމަޖައްސައިފި އެވެ.
އެފްއޭއެމުން މައުލޫމާތު ދިން ގޮތުގައި 23 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަނަކަށް އިރޭ ހަމަޖެއްސީ ޓީމުގެ ކުޅުންތެރިންގެ މެދުގައި ނެގުނު ވޯޓަކުންނެވެ. އަދި ގައުމީ 23 އަހަރުން ދަށުގެ ޓީމުގެ ވައިސް ކެޕްޓަނަކަށް ހަމަޖައްސާފައި ވަނީ ކްލަބް އީގަލްސްގެ މުހައްމަދު މުސްލިހު (މުއްޓި) އެވެ.
މީގެ ކުރިން 2012 ވަނަ އަހަރު ސްރީ ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ އިންޓަނޭޝަނަލް މުބާރާތުގެ ޗެންޕިއަންކަން ހޯދި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގައި ވެސް ހިމެނޭ އިރޭ އަކީ ހާވީރު ސްޕޯޓްސް އެވޯޑްސްއިން ހޮވި މިދިޔަ އަހަރުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ.
އެ މުބާރާތުގެ އިތުރުން މިދިޔަ އަހަރު ދެކުނު ކޮރެއާގައި އޮތް 23 އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމްގައި ވެސް ހިމެނުނު އިރޭ އެނާގެ ކެރިއާ ފަށާފައި ވަނީ 2012 ވަނަ އަހަރު ވެލެންސިޔާ އިންނެވެ. އަދި ވެލެންސިޔާއިން މާޒިޔާއަށް ބަދަލުވުމަށް ފަހު އޭނާ ވަނީ މާޒިޔާގައި މިދިޔަ އަހަރު މޮޅު ކުޅުމެއް ދައްކާފަ އެވެ.
އިރޭގެ ކެޕްޓަންކަމުގެ ދަށުން ގައުމީ ޓީމް ވަނީ، އަންނަ އަހަރު ބާއްވާ އޭއެފްސީ އަންޑަރ 23 ޗެންޕިއަންޝިޕަށް ކުޅޭ ކޮލިފިކޭޝަންގައި ވާދަކުރުމަށް، މިއަދު މެންދުރު އޯމާނަށް ފުރާގޮތަށް ހަމަޖެހިފަ އެވެ. އެ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި ގައުމީ ޓީމް ވާދަކުރާނީ މިމަހުގެ 23 ވަނަ ދުވަހު ލެބަނަން އާ ދެކޮޅަށެވެ.
ގައުމީ 23 އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗަކަށް މިފަހަރު ހަމަޖައްސާފައި ވަނީ މިހާރު ގައުމީ ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗް އަދި ކުރީގެ ގައުމީ ޓީމްގެ ކެޕްޓަން އައްސަދު އަބްދުލް ޣަނީ އެވެ. އަދި ޓީމުގެ މެނޭޖަރަކަށް އެފްއޭއެމް ޗެއާމަން ބިއުރޯގެ ހެޑް، ހުސައިން ޖަވާޒް ހަމަޖައްސާފައިވާ އިރު، ޓީމްގެ އޮފިޝަލެއްގެ ގޮތުގައި، ކޯޗިންގް ސްޓާފަށް އެހީތެރިވުމުގެ ގޮތުން، އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު މުހައްމަދު ޝިޔާޒް (މޯހަން) ވެސް އެ ދަތުރުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.
އަންނަ އަހަރުގެ ޖެނުއަރީގައި ބާއްވަން ތާވަލްކޮށްފައިވާ އޭއެފްސީ އަންޑަރ 23 ޗެންޕިއަންޝިޕުން އެންމެ ކުރި ހޯދާ ތިން ޓީމް ވަނީ، "ސަމަރ އޮލިމްޕިކްސް މެންސް ފުޓްބޯލް ޓޯނަމަންޓް 2016" އަށް އޭއެފްސީ ސަރަހައްދުން ކޮލިފައިވާ ގޮތަށް ހަމަޖެހިފައެވެ.