21 Mar 2015, 15:41
މަދީނާގައި ހުންނަ އަލްމަސްޖިދުއް ނަބަވީ ނުވަތަ ކީރިތި ރަސޫލާގެ މިސްކިތުގެ މުއައްޛިން (ބަންގި ގޮވާ މީހާ)، އައްޝައިޚް އިޔާދު ބިން އަހުމަދު ބިން އައްބާސް ޝުކްރީ ރާއްޖެ ވަޑައިގެންފި އެވެ.
ޖަމިއްޔަތުއް ސަލަފުގެ ދައުވަތަކަށް ޝެއިހް އިޔާދު ޝުކުރީ ރާއްޖެ ވަޑައިގަތީ މިއަދު އެވެ.
ސަލަފު ޖަމިއްޔާގެ އޮޕަރޭޝަން މެނޭޖަރު ޢަލީ ރަމީޒު މިއަދު ސަން އަށް ވިދާޅުވީ ޝެއިހް ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި، މިރޭ މާލޭގައި ބާއްވާ ޖަމްޢިއްޔަތުއްސަލަފުގެ ތައުލީމީ މަޝްރޫއު އިފްތިތާހްކޮށް ދެއްވާނެ ކަމަށެވެ. އޭގެ އިތުރުން ހާއްސަ ދަރުހެއް އެ ރަސްމިއްޔާތުގައި ޝެއިހު ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަމިއްޔާ އިން ހޯމަ ދުވަހު ށ. އަތޮޅަށް ކުރާ "ރިޙްލާ" ދަތުރުގައި ވެސް ޝެއިހް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އަލީ ރަމީޒު ވަނީ ވިދާޅުވެފަ އެވެ.
ޝެއިހް އިޔާދު ޝުކުރީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ އިން ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 29 ވަނަ ދުވަހު އެވެ. މުއައްޛިންއެއްގެ އިތުރުން ޝެއިޚް އަކީ ސައުދީ އަރަބިއްޔާގައި ހުންނަ ޔުނިވާސިޓީ އޮފް މަދީނާގެ އުސްތާޛު ކަންވެސް ކުރައްވަވާ ބޭފުޅެކެވެ.