21 Mar 2015, 15:37
ފުލުހަކަށް ހަމަލާދީ މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، ފުލުހަކަށް ހަމަލާދީ މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި ކޯޓު އަމުރުގެ ދަށުން އިއްޔެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ އުމުރުން 32 އަހަރުގެ އާދަމް ޒިޔާދު ކިޔާ މީހެކެވެ.
އޭނާ ހައްޔަރުކުރީ މި މަހުގެ 20 ވަނަ ދުވަހު އެމްޑީޕީ އިން ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހަކަށް ހަމާލާދީ މަރާލަން ރާވާފައިވާ ކަމަށް ފުލުހުންގެ އިންޓަލިޖެންސަށް ލިބިފައިވާ ސިއްރު މައުލޫމާތަކުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާގެ ބަންދަށް މިހާރު ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.
އިދިކޮޅު އެމްޑީޕީ އިން އަންނަނީ ސިލްސިލާކޮށް މާލޭގެ މަގުތަކުގައި މުޒާހަރާ ކުރަމުން ނެވެ. އެމްޑީޕީ އިން މުޒާހަރާކޮށް އިހުތިޖާޖު ކުރަމުން ދަނީ މިމަހުގެ 13 ވަނަ ދުވަހު ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން ނެވެ.