ކުރީގެ ބަންޑާރަ ނައިބު ކަމާއި އަދި އެމްޑީޕީގެ ރައީސް ކަން ވެސް ކުރައްވާފައިވާ ޑރ. މުހަންމަދު މުނައްވަރު އިސްކޮށް ހުންނަވައިގެން ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ "މޯލްޑިވްސް ރިފޯމް މޫވްމަންޓް" [އެމްއާރުއެމް] އުފެއްދުމުގެ ޖަލްސާ އަށް އިލެކްޝަންސްގެ މުވައްޒަފުން ދިޔައީ އެ ބޭފުޅުން ވަޑައިގެން ޖަލްސާގެ ކަންކަން ހިނގާ ގޮތް ބައްލަވާނެ ކަމަށް ކުރިން އެންގުމަށް ފަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

Listen!

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވިލާ ކޮލެޖުގައި ބާވަން އުޅުނު އެމްއާރުއެމްގެ އުފެއްދުމުގެ ޖަލްސާ އަށް އިލެކްޝަންސް ކޮމިޝަންގެ ތިން މުވައްޒަފަކު ދިޔައީ އޮބްޒާވް ކުރައްވާނެ ކަން ކުރިން އެންގުމަކާ ނުލައި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން އިލެކްޝަންސް ކޮމިޝަންގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރު ޝުއައިބު ޔޫސުފް މިއަދު ވިދާޅުވީ އިލެކްޝަންސްގެ ތިން މުވައްޒަފަކު އެ ޖަލްސާ އަށް ވަޑައިގަތް އެ ޖަލްސާގެ ކަންތައްތައް ހިނގާ ގޮތް ބައްލަވައި ޔައުމިއްޔާގައި ސޮއި ކުރައްވާނެ ވާހަކަ ސިޓީއަކުން ވެސް އެމްއާރުއެމް އަށް އަންގާފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން ފޯނުން ގުޅާފައި ވެސް ބުނިން މުވައްޒަފުން ދާނެ ވާހަކަ، އަދި ސިޓީއަކުން ވެސް ދެންނެވިން. މިއީ އަޅުގަނޑުމެން ކުއްލިއަކަށް ކުރިކަމެއް ނޫން،" ޝުއައިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ވެސް އެފަދަ ޖަލްސާތަކަށް އިލެކްޝަންސްގެ އޮފިޝަލުން ގޮސް އެފަދަ އެޖަލްސާތަކުގެ ކަންކަން ހިނގާފައިވާ ގޮތް ބަލާފައި ވާނެ ކަމަށެވެ. ޝުއައިބު ވިދާޅުވީ އެއީ އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ވާޖިބެއް ކަމަށެވެ.

"ގާނޫނުން އެބަ އަންގަން ޖެހޭ އެ ޖަލްސާ ބާއްވާނެ ތަނަކާއި ވަގުތަކާއި ދުވަހަކާއި އެއްޗިހި. އެހެންވީމާ އޭގައި އަޅުގަނޑުމެންނަށް ޖާގަ އެބަލިބޭ ޖަލްސާތަކަށް ގޮސްފައި ބަލަން. މިއީ އަޅުގަނޑުމެންގެ ގާނޫނީ ވާޖިބެއް. އަޅުގަނޑު ވަރަށް ޔަގީންކަމާ އެކު މި ދަންނަވަނީ މީގެ ކުރިން ވެސް އަޅުގަނޑުމެން އޮންނާނީ އެފަދަ ޖަލްސާތައް ބަލައިފައޭ. ދެން މުނައްވަރު ދައްކަވާ ވާހަކަފުޅަކީ އެބޭފުޅާގެ ހިޔާލު. ދެން އަޅުގަނޑު އެކަމަށް ދަންނަވާނެ އެއްޗެއް ނެތް،" ޝުއައިބު ވިދާޅުވި އެވެ.

އެރޭގެ އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުނައްވަރު ވިދާޅުވީ ކުރިން އެންގުމަކާ ނުލައި އިލެކްޝަންސް ކޮމިޝަނުން ކުއްލި ގޮތަކަށް މުވައްޒަފުން ފޮނުއްވައި ޕާޓީގެ ޖަލްސާގެ ޔައުމިއްޔާގައި އެބޭފުޅުން ސޮއި ކުރައްވާނެ ކަމަށް ވިދާޅުވި ކަމަށާއި އެއީ އެކަން ކުރެއްވޭނެ ގޮތް ނޫން ކަމަށެވެ. އަދި އޭނާ ވަނީ އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"މޯލްޑިވްސް ރިފޯމް މޫވްމަންޓް" ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މީހުންގެ ސޮއި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ.