ވޯލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗު ކާމިޔާބުކޮށް، މިދިޔަ އަހަރު އެ މުބާރާތުގެ ޗެންޕިއަންކަން ހޯދި ޕޮލިސް ކްލަބް މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

އިއްޔެ ހަވީރު ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލްގައި ކުޅުނު އެ މެޗުގައި، ޕޮލިސް ކްލަބާ ދެކޮޅަށް ވާދަކޮށްފައި ވަނީ ކްލަބް ތްރީ ސްޓާ އެވެ. އެ މެޗު ޕޮލިސް ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ފަސޭހަ ކަމާ އެކު ޕޮލިސް ގެންދިޔައީ 25-12،25-11 އަދި 25-10 ގެ ނަތީޖާއަކުންނެވެ. އަދި އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިހުގެ އައިޝަތު ޝައްފަ އެވެ.

ދެ ގްރޫޕަކަށް ބަހާލައިން ކުރިއަށް ގެންދާ އެ މުބާރާތުގައި އިއްޔެ ކުޅުނު ގްރޫޕް އެކެއްގެ ފުރަތަމަ މެޗު ޕޮލިސް ކާމިޔާބު ކޮށްފައިވާ އިރު، އިއްޔެ ރޭ ކުޅުނު ގްރޫޕް އެކެއްގެ ދެވަނަ މެޗު މުލަކު ރެކްރިއޭޝަން ކްލަބް ކާމިޔާބު ކުރީ ސްޕޯޓްސް ކްލަބް ހޯކްސް އާ ވާދަކޮށް، ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުލަކު ސްޕޯޓްސްގެ ހަނާ މުހައްމަދު އެވެ.

ވީއޭއެމް ޕްރެޒިޑެންޓްސް ކަޕްގައި އިއްޔެ ގްރޫޕް ދެއެއްގެ ދެ މެޗުވެސް ކުޅެފައިވާ އިރު، ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ސްޕޯޓްސް ކްލަބް ގުޑީސް، ތުލުސްދޫ ޒުވާނުންގެ ރޫހުގެ މައްޗަށް ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. އަދި އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ގުޑީސްގެ އައިމިނަތު އަރީޝާ ހޮވުނުއިރު، ރޭ ކުޅުނު ގްރޫޕް ދެއެއްގެ ދެވަނަ މެޗުގައި، އަމިކާ ސްޕޯޓްސް ކްލަބާއި ޔުނައިޓަޑް ސްޕޯޓްސް ކްލަބް ވާދަކޮށް، އަމިކާ މެޗު ކާމިޔާބު ކުރީ 3-1 ސެޓުންނެވެ.

އެ މުބާރާތުގައި މިއަދުވެސް ވަނީ ދެ ހަތަރު މެޗު ކުޅެން ހަމަޖެހިފަ އެވެ. ވީއޭއެމް ޕްރެޒިޑެންޓްސް ކަޕްގައި މިފަހަރު އަށް ޓީމެއް ވާދަކުރާ އިރު، މުބާރާތުގެ ގްރޫޕް އެކެއްގައި ހިމެނޭ ޓީމްތަކަކީ ތްރީ ސްޓާ އާއި ޕޮލިސް ކްލަބްގެ އިތުރުން، މުލަކު ރެކްރިއޭޝަން ކްލަބާއި ސްޕޯޓްސް ކްލަބް ހޯކްސް އެވެ. އަދި ދެވަނަ ގްރޫޕްގައި ހިމެނެނީ ސްޕޯޓްސް ކްލަބް ގުޑީސް އާއި ތުލުސްދޫ ޒުވާނުންގެ ރޫހުގެ އިތުރުން، އަމިކާ ސްޕޯޓްސް ކްލަބާއި ޔުނައިޓަޑް ސްޕޯޓްސް ކްލަބެވެ.

އަންހެން ވޮލީ ކުޅުންތެރިންނަށް ހާއްސަކޮށްގެން ވީއޭއެމް އިން ކުރިއަށް ގެންދާ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕަކީ 2008 ވަނަ އަހަރު ފެށި މުބާރާތެކެވެ. އަދި މާލޭގައި ބާއްވާ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕްގެ އިތުރުން، މިދިޔަ އަހަރުން ފަށައިން އެ މުބާރާތް ވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ނޯތު އަދި ސައުތުގެ ނަމުގައި ބާއްވަން ފަށާފަ އެވެ.

އޭގެ އިތުރުން މިއަހަރު ވީއޭއެމްގެ ގައިވައިދުތަކަށް ގެނައި ބަދަލުތަކުގެ ތެރޭގައި ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ކަނޑައަޅާފައި ވަނީ އެ އެސޯސިއޭޝަނުން ބާއްވާ ގައުމީ އަންހެން ވޮލީބޯޅަ ޗެންޕިއަންޝިޕަށް ކޮލިފައިވާ މުބާރާތެއްގެ ގޮތުގަ އެވެ.