21 Mar 2015, 15:14
މ. މުއްޔަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 15 ރަބަރު ޕެކެޓާއި ބުލެޓް ސައިޒްގެ ފަސް ރަބަރު ޕެކެޓާ އެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މުއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން މި މަހު 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މުލީ ބަނދަރު ސަރަހައްދުން ކަމަށެވެ. މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއް ހުރި ޕެކެޓްތައް ފެނިފައި ވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާގެ ހަށިގަނޑު ބަލައި ފާސްކުރިއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެތީގެ ދެ ބާވަތަކަށް ވަނީ ޕޮޒިޓިވްވެފައި ކަމަށް ފުލުހުން ބުޏެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މ. މުލި މެޖިސްޓްރޭޓް ކޯޓަށް ޙާޟިރު ކުރުމުން، ހޯމް މިނިސްޓްރީ އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފަ އެވެ.
މއެ މައްސަލަ މ. މުލި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުގީގު ކުރަމުންނެވެ.