21 Mar 2015, 15:11
އަހަރަކު އެއްފަހަރު ދުނިޔޭގެ ކަންކޮޅުތަކުން މަސްގަންނަ ފަރާތްތަކާއި މަސްވިއްކާ ފަރާތްތަކުން ބައިވެރިވާ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު މަސްވެރިކަމުގެ ފެއާ "ބޮސްޓަން ސީފުޑު ޝޯ"ގައި ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން ބައިވެރިވެއްޖެ އެވެ.
ކަންނެލީގެ އެކި ބާވަތްތަކަށް ހާއްސަ އެ ފެއާ ކުރިއަށް ގޮސްފައި ވަނީ އެމެރިކާގެ ބޮސްޓަންގައި މި މަހުގެ 15 އިން 17 އަށެވެ. އެ ފެއާގައި މިފްކޯ އިން އިން ވަނީ އެކުންފުނީގެ އެކި އުފެއްދުންތައް ދައްކާލާފައި އެވެ. މިފްކޯ އިން ބުނީ ރާއްޖެއަކީ ތިމާވެއްޓާއި އެންމެ ރަށްޓެހި މަސްވެރިކަމެއް ކުރާ ގައުމަކަށް ވާތީ ރާއްޖޭގެ މަހުގެ އުފެއްދުން ތަކަށް ގިނަބައެއްގެ ޝައުގުވެރިކަމެއް ލިބިފައިވާ ކަމަށެވެ.
މިފްކޯ އިން ބުނީ މީގެ ކުރިން ރާއްޖެ އިން ބޮޑުކަންނެލީ އެކްސްޕޯޓު ކުރާ މައިގަނޑު މާކެޓަކީ ޔޫރަޕު ކަމަށާއި އެހެން ނަމަވެސް ޔޫރަޕުން ޖީއެސްޕީ ކަނޑާލުމާ ގުޅިގެން ބޮޑުކަންނެލި އެސްޕޯޓު ކުރާ ރާއްޖޭގެ ކުންފުނިތަކުން އަންނަނީ އެމެރިކާގެ މާކެޓުތަކަށް ވަންނަމުން ކަމަށެވެ.
"މިފެއާގައި ދުނިޔޭގެ ނަން މަޝްހޫރު މަސް ގަންނަ އިތުރު ފަރާތްތަކާއި ބައްދަލުވެ ވާހަކަ ދެކެވި ރާއްޖޭގެ މަހުގެ ބާވަތްތަކަށް ރަނގަޅު ފުރުސަތުތަކެއް ފަހިވެގެން ދިޔަ އެވެ. އެމެރިކާ އަކީ މިފްކޯ އިން މިހާރު ވެސް މަސް އެކްސޕޯޓުކުރާ ގައުމެކެވެ. އެހެންކަމުން މިފެއާގައި ބައިވެރިވުމުން މި މާކެޓު އިތުރަށް ފުޅާކުރުމަށް ރަނގަޅު ފުރުސަތުތައް މިފްކޯއަށް ލިބިގެން ދިޔަ އެވެ." މިފްކޯ އިން ބުންޏެވެ.
ރާއްޖޭގެ މަހުގެ ބާވަތްތަކަށް އެހެން މާކެޓުތައް ހޯދުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ފިޝަރީޒް ޕްރޮމޯޝަން ބޯޑުގެ އިސްނެންގެވުމާ އެކު ބައިވެރިވި އެ އެކްސްޕޯގައި މިފްކޯގެ އިތުރުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އިތުރު ދެ ކުންފުންޏެއް ވެސް ވަނީ ބައިވެރިވެފައި އެވެ.