މަސްތުވާތަކެތީގެ މައްސަލައެއްގައި ކްރިމިނަލް ކޯޓުން އުމުރަށް ޖަލަށް ލުމަށް ހުކުމް ކުރި މީހެއްގެ ހުކުމް ހައި ކޯޓުން ބާތިލުކޮށްފި އެވެ.

ހައި ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ބުނީ، ވ. ފެލިދޫ، ޖަނބުރޯލުމާގެ އިބްރާހީމް ޝިފާހުގެ މައްޗަށް ކްްރިމިނަލް ކޯޓުން ކުރި، އުމުރަށ ްޖަލަށް ލުމުގެ ހުކުމް އެ މައްސަލަ ބެއްްލެވި ހައި ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ބާތިލުކޮށްފައިވާ ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައި ބުނީ ޝިފާހްގެ އަތުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ، ކެނެބިސް ކަމަށް ޝައްކުކުރެވޭ ބާވަތެއް ފެނިފައިވީ ނަމަވެސް، އެއެއްޗަކީ ކެނެބިސް ކަން ޔަގީންވާ މިންވަރަށް ތަހުލީލްކޮށްފައިވާ ކަން އެނގެން ނެތް ކަމަށެވެ.

ޝިފާހް ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރީ، މަނާކޮށްފައިވާ، މަސްތުވާ އެއްޗެއް ރާއްޖެ އެތެރެކުރުމުގެ މައްސަލާގައި ކުށް ސާބިތުވާ ކަމަށް ބުނެ އުމުރު ދުވަހަށް ޝިފާހް ޖަލަށް ލާން މިދިޔަ ޑިސެމްބަރު މަހު ކުރި ހުކްމަކީ ޝަރުއީ އަދީ ގާނޫނީ ހަމަތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ބުނެ އެވެ.

ދަށު ކޯޓުން ޝިފާހްގެ މައްޗަށް ހުކުމް ކުރީ، މޯލްޑިވިއަންގެ ފްލައިޓަކުން 2011 ވަނަ އަހަރުގެ ފަހުކޮޅު އޭނާ ރާއްޖެ އައި އިރު، އޭނާގެ ވޮލެޓުން 16 ކެނެބިސް އޮށާއި ބެކްޕެކް ތެރެއިން 27 ކެނެބިސް އޮތް ކަމަށް ޝަރީއަތަށް ސާބިތުވެގެންނެވެ.