21 Mar 2015, 12:52
ލ. މުންޑޫ ނޫވިލު އަލީ ޒިޔަދަމް، 29، މަރައިލުމުގައި ބައިވެރި ވިކަމުގެ ތުހުމަތަށް ފުލުހުން އެ ރަށުގެ ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ވަޅިން ހަމަލާދީ ޒިޔަދަމް މަރައިލި ކަމުގެ ތުހުމަތަށް ހައްޔަރު ކުރި މީހުންނާ ބެހޭ އެއްވެސް ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ. އެނގިފައިވާ ގޮތުގައި އެކަމާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މުޅިން ވެސް ފިރިހެނުންނެވެ. އަދި އެމީހުންނަކީ ޒިޔަދަމްއާ ގާތް ގުޅުމެއް އޮންނަ މީހުން ކަން ވެސް ވަނީ އެނގިފަ އެވެ.
މުންޑޫ ހެލްތު ސެންޓަރުގެ އިންޗާޖު އައިޝަތު ނަޒީމާ ޑޮކްޓަރުންނާ ހަވާލާދީ "ސަން"އަށް ރޭ ވިދާޅުވީ އެ ޒުވާނާ އެ ސެންޓަރަކަށް ގެނައި އިރު އޮތީ މަރުވެފައި ކަމަށެވެ. އޭނާގެ ބޮލަށާއި ބުރަކަށީގެ އިތުރުން ފައިގެ ފަލަމަސްގަނޑަށް ތޫނު އެއްޗަކުން ހަމަލާދީފައިވުމުން ފުން ޒަހަމްތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން މީޑިއާ އޮފިޝަލް ރޭ ވިދާޅުވީ އެމައްސަލާގައި އެ ރަށުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ އާ ގުޅިގެން ތުހުމަތު ކުރެވޭ އިތުރު މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި ރޭގެ ހާދިސާގައި މަރުވެފައިވާ ޒިޔަދަމް އަކީ ވައްކަމާއި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.