21 Mar 2015, 12:03
ޔޫތު މިނިސްޓްރީ އިން ހަރަދުކޮށްގެން ލަންކާގައި ގާއިމްކުރި ފުޓްސެލް ދަނޑު ފޯރިގަދަ މެޗަކާ އެކު އިއްޔެ ހުޅުވައިފި އެވެ.
ސްރީ ލަންކާގައި ގާއިމްކޮށްފައިވާ މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުގެ އަހަރީ ދުވަހާ ގުޅުވައިން އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެ ފުޓްސެލް ދަނޑު ހުޅުއްވައިދެއްވީ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އެވެ.
ދަނޑު ހުޅުވުމަށް ފަހު ދަނޑުގައި އިއްޔެ ހަވީރު ވަނީ ހާއްސަ ފުތްސެލް މެޗެއް ކުޅެފަ އެވެ. އެ މެޗުގައި ބައްދަލުކުރީ ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ޓީމަކާއި ރާއްޖޭގެ ރައްޔިތުންގެ މަޖުލީހުގެ މެންބަރުންގެ ޓީމެކެވެ. އެ މެޗު 7-6 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ހައި ކޮމިޝަން ޓީމެވެ.
ސަރުކާރުން ގާތްގަނޑަކަށް 1.2 މިލިއަން ދިވެހި ރުފިޔާ ހަރަދުކޮށްގެން ލަންކާގައި ގާއިމްކުރި އެ ފުޓްސެލް ދަނޑު ހަދާފައި ވަނީ ކުރިން ލަންކާގައި ރާއްޖޭގެ ހައި ކޮމިޝަން ހުރި އިމާރާތް ކަމަށްވާ ސޯސަން ވިލާގަ އެވެ. ސޯސަން ވިލާ މިދިޔަ އަހަރު މަރާމާތުކޮށް، އެޑިއުކޭޝަނަލް އަދި ކަލްޗަރަލް ސެންޓަރެއްގެ ގޮތުގައި ހުޅުވާފައިވާ އިރު، އެ ތަނުގައި ޔޫތު މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ޖިމެއްވެސް ގާއިމް ކޮށްފަ އެވެ.
އެ ސެންޓަރު ހުޅުވިތާ އެއް އަހަރު އިއްޔެ ފުރިފައިވާ އިރު، އެކަމާ ގުޅިގެން ފުޓްސެލް ދަނޑު ހުޅުވުމުގެ އިތުރުން، އިއްޔެ ހަވީރު ސޯސަންވިލާގައި ވަނީ ކުޑަކުދިންގެ ހަވީރެއްވެސް ބާއްވާފަ އެވެ.