ރެޑްބުލް މޯލްޑިވްސް އިން އިއްޔެ ކުރިއަށް ގެންދިޔަ "ރެޑްބުލް ކެޗް ދަ ފެރީ"ގެ ފިރެހެން ބައިގެ ޗެންޕިއަންކަން ޝިފާޒު މުހައްމަދު ހޯދި އިރު، އެ ރޭހުގެ އަންހެން ބައިގެ ޗެންޕިއަންކަން ލަންކާގެ ދުވުންތެރިޔާ ޕެޓްރީޝިއާ ގޮމޭޒް ހޯދައިފި އެވެ.

އިއްޔެ ހެނދުނު މާލެ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށް ގެންދިޔަ ރެޑް ބުލް ކެޗް ދަ ފެރީގައި މިފަހަރު ބައިވެރިވި 420 ބައިވެރިންގެ ތެރެއިން ޝިފާޒު ފިރެހެން ބައިގެ ޗެންޕިއަންކަން ހޯދީ ރޭހުގެ ކުރީކޮޅު އޭނާ ނެގި ލީޑު ދަމަހައްޓައިންނެވެ.

އޭޝިއަން ގޭމްސް އާއި ވޯލްޑް އެތުލެޓިކްސް ޗެންޕިއަންޝިޕް ފަދަ ގިނަ ބައިނަލްއަގްވާމީ މުބާރާތްތަކެއްގައި ޜާއްޖެ ތަމްސީލުކޮށްފައިވާ ޝިފާޒް ރޭހަށް ފަހު ބުނީ އެ ރޭހުގެ އެއްވަނަ ލިބުމުން އޭނާ ވަރަށް އުފާ ކުރާ ކަމަށެވެ. އަދި މި ރޭހަށް ވަކިން ހާއްސަ ތައްޔާރީތަކެއް ނުވާކަމަށާއި ނަމަވެސް ރޭސް ބާއްވަކަން އިނގުން ހިސާބުން ފެށިގެން ރޭހާމެދު ވަރަށް ވިސްނި ކަމަށްވެސް ޝިފާޒް ބުންޏެވެ.

ރެޑްބުލް ކެޗް ދަ ފެރީގެ އަންހެން ބައި ޖެހިޖެހިގެން ދެވަނަ އަހަރަށް ކާމިޔާބު ކުރި ޕެޓްރީޝިއާ ރޭސް ނިންމާލުމަށް ފަހު ބުނީ މި އަހަރުގެ ރޭހުން އޭނާ ބޭނުންވި މަގްސަދު ހާސިލް ވެއްޖެ ކަމަށެވެ. "މިދިޔަ އަހަރު ވެސް މި ރޭސް ކާމިޔާބު ކުރެވުމުން މި އަހަރު ވަރަށް ބޭނުންވި ޗެންޕިއަންކަން ދިފާއު ކުރަން. ކުރި މަސައްކަތުގެ އަގު ލިބިއްޖެ،" ޕެޓްރީޝިއާ ބުންޏެވެ.

ރެޑްބުލް ކެޗް ދަ ފެރީގެ ފިރެހެން ބައިން އެއްވަނައަށް ދިޔަ ޝިފާޒްއަށް ބޯޑިންގް ޕާސް އާއި ރެޑްބުލް ޓރޮފީ ހަވާލުކޮށްދެއްވީ އިއްތިހާދު އެއާވޭސްގެ ކޮންޓްރީ މެނޭޖަރު ޝަހުޒާން އަބްދުﷲ އެވެ. އަދި އަންހެން ބައިގެ ޗެންޕިއަންކަން ހޯދި ޕެތްރީޝިއާއަށް ބޯޑިންގް ޕާހާއި ޓްރޮފީ އަދި މެޑަލް ހަވާލުކޮށްދެއްވީ ސީގަލް ގުރޫޕްގެ މާކެޓިން މެނޭޖަރު އައިމިނަތު ސޮލާހު އެވެ.

ޝިފާޒް އާއި ޕެޓްރީޝިއާ ރާއްޖޭގެ ރެޑްބުލް ކެޗް ދަ ފެރީ އިވެންޓުގެ ޗެންޕިއަންކަން ހޯދުމުން، އެ ދެ ދުވުންތެރިންނަށް ވަނީ ރެޑްބުލް ވިންގްސް ފޯ ލައިފްގެ ފަރާތުން ދުނިޔޭގެ 35 ގައުމެއްގައި ކުރިއަށް ގެންދާ "ވިންގްސް ފޯ ލައިފް – ވޯލްޑް ރަން"ގައި ބައިވެރިވުމުގެ ފުރުސަތު ލިބިފަ އެވެ. "ވިންގްސް ފޯ ލައިފް – ވޯލްޑް ރަން" އަކީ ސްޕައިނަލް ކޯޑަށް ލިބެ އަނިޔާތަކާމެދު ހޭލުންތެރި ކުރުމުގެ ގޮތުން ބާއްވާ ދުވުމެކެވެ. އަދި އެ ދުވުމުން ލިބެ ފައިސާ ހަދިޔާ ކުރަނީ ޗެރިޓީ އަށެވެ.

"ރެޑްބުލް ކެޗް ދަ ފެރީ" އަކީ ރާއްޖޭގެ މިހާތަނަށް ބާއްވާ އެންމެ ތަފާތު އެއް ރޯޑް ރޭހެވެ. މާލޭގެ ރާޅުގަނޑު ސަރަހައްދުން ފަށާ އެ ރޭހުގެ ބައިވެރިން ފެރީން ވިލިމާލެއަށް ދަތުރުކޮށް ވިލިމާލޭ ވަށާ ދުވުމަށް ފަހު، ހުޅުމާލެއަށް ދަތުރުކޮށް، ހުޅުމާލެ ވަށާ ދުވުމަށް ފަހު ރޭސް ނިންމާލަނީ ފެރީން އަނބުރާ މާލެ އައިސް، ރާޅުގަނޑު ސަރަހައްދަށެވެ.

މިއީ މި ރޭސް ޜާއްޖޭގައި ބާއްވާ ދެވަނަ އަހަރެވެ. މިދިޔަ އަހަރުގެ ރެހާއި މިއަހަރުގެ ރޭހަށްވެސް ވަނީ ރާއްޖޭގެ ގިނަ ފަރާތްތަކެއްގެ ބޮޑު ތަރުހީބެއް ލިބިފަ އެވެ.