19 Feb 2011, 15:27
މަދިރީގެ ނުރައްކާ ބޮޑުވެ، ޑެންގީ ހުން ފެރުރެމުންދާތީ، ހުޅުމާލެ އާއި ވިލިމާލޭގައި ވެސް ފޮގް ސްޕްރޭ ކުރަންފަށައިފި އެވެ.
ރާއްޖޭގެ ދިފާއީ ބާރާއި ސެންޓާ ފޯ ކޮމިޔުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލް (ސީސީއެޗްޑީސީ) ގުޅިގެން މަދިރި މަދުކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން މިއަދު ވަނީ ވިލިމާލެ އާއި ހުޅުމާލޭގައި ފޮގް ސްޕްރޭކޮށްފަ އެވެ.
މާލޭގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދާ ތަންތަނުގައި މަދިރި އުފެދޭ މިންވަރު ގިނަވެ، ޑެންގީ ހުން ފެތުރެމުންދާތީ މިދިޔަ ބުދަ ދުވަހުން ފެށިގެން ސީސީއެޗްޑީސީން ކުރިއަށް ގެންދާ ޕްރޮގްރާމްގައި އިއްޔެ ވަނީ މާލޭގައި ވެސް ފޮގް ސްޕްރޭކޮށްފަ އެވެ.
ސީސީއެޗްޑީސީން ބުނީ މަދިރި އުފެދޭތަންތަން މަދުކޮށް، ޑެންގީ ހުން ކޮންޓްރޯލް ކުރުމަށް ޓަކައި މާލޭގެ އެކި ސަރަހައްދުތަކުން، މަދިރި އުފެދޭ ގޮތަށް ހުރި 1050 ތަން ފާހަގަ ކުރެވިފާއިވާ ކަމަށާއި އޭގެ ތެރޭގައި 709 ތަނުގައި މަދިރިފަނި ހުރުމުން އެތަންތަނަށް ބޭސްއަޅާފައިވާ ކަމަށެވެ. އަދި އެ މަސައްކަތަށް މާލޭ މުނިސިޕަލްޓީންނާއި އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.
މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ފޮގް ސްޕްރޭ ކުރުމަކީ މަދިރި ނައްތާލުމަށް އޮތް ދާއިމީ ހައްލު ނޫން ކަމަށާއި އެކަމަށް އެންމެ ރަނގަޅީ މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ބަލައި ނައްތާލުން ކަމަށް އާންމު ރައްޔިތުންނަށް ސީސީއެޗްޑީސީން ނަސޭހަތްތެރިވެ އެވެ.
އެ ސެންޓަރުން ބުނީ މި އަހަރުގެ މިހާތަނަށް 157 ކުއްޖަކަށް ޑެންގީ ހުން ޖެހިގެން މާލެ އާއި އަތޮޅު ތެރެއިން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ފަސް އަހަރުން ދަށުގެ 40 ކުދިން، ހަ އަހަރާއި 15 އަހަރާ ދެމެދު 48 ކުދިން އަދި 15 އަހަރުން މަތީގެ 69 މީހަކު ހިމެނެ އެވެ.
ޑެންގީ ހުންޖެހިގެން މި އަހަރު ވަނީ ކުޑަ ދެ ކުއްޖަކާއި ބޮޑު މީހަކު މަރުވެފަ އެވެ. އަދި މިދިޔަ އަހަރު ވެސް ޑެންގީ ހުން ޖެހިގެން ދެ ކުއްޖަކު މަރުވެފައި ވާއިރު މިދިޔަ އަހަރު ޑެންގީ ހުން ޖެހިފައި ވަނީ 77 މީހަކަށެވެ.