21 Mar 2015, 10:39
ރާއްޖެގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި "މިނިވަން 50" ޝިއާރުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި، ހޯމް މިނިސްޓްރީން އިސްނަގައިން ކުރިއަށް ގެންދާ ރައިވެރިބޭގެ ޖިހާދު ފެތުމުގެ ރަސްމީ ބޮޑުބެރު ގްރޫޕަކަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސެސް (އެމްސީއެސް)ގެ ބޮޑުބެރު ގްރޫޕް ހަމަޖައްސައިފި އެވެ.
ރައިވެރިބޭގެ ޖިހާދު ފެތުމުގެ ރަސްމީ ބޮޑުބެރު ގްރޫޕަކަށް އެމްސީއެސްގެ ބޮޑުބެރު ގްރޫޕް ހަމަޖެއްސުމަށް ފަހު، އެ ހަރަކާތް އިންތިޒާމް ކުރަން އުފައްދާފައިވާ އިންތިޒާމް ކޮމިޓީގެ ބޭފުޅުން ވަނީ އިއްޔެ އެމްސީއެސް ބޮޑުބެރު ގްރޫޕާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕްރިޒަންސް މުހައްމަދު ހިޝާމް އާއި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް ވަނީ ބައިވެރި ވެފަ އެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރު ސަލީމް ވަނީ ރައިވެރިބޭގެ ޖިހާދު ފެތުން އިވެންޓް ފެށިގެން ނިމެންދެން ބޮޑުބެރުގެ ހަރަކާތްތައް ކުރިއަށް ގެންދާނެކަން ފާހަގަ ކޮށްފަ އެވެ. އަދި ބޮޑުބެރު ގްރޫޕަށް އެއްވެސް ހަރަދެއް ދަންޏާ އެ ހަރަދު ހޯމް މިނިސްޓްރީ އިން ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕްރިސަންސް ހިޝާމް ވިދާޅުވީ މިހާރު އެމްސީއެސްގެ ބޮޑުބެރު ގްރޫޕަކީ ވަރަށް ފުރިހަމަ ގްރޫޕެއް ކަމަށާއި އެ ގްރޫޕަށް އެ ފުރުސަތު ދެއްވުމުން އެކަމާ އުފާކޮށް، ޝުކުރު އަދާކުރާ ކަމަށެވެ. އެ ބައްދަލުވުމުގައި އެމްސީއެސް ބޮޑުބެރު ގްރޫޕުގެ ފަރާތުން ވާހަކަ ދައްކަވަމުން ޕްރިޒަންސް ލާންސް ކޯޕްރަލް ނާޒިމް ޝިހާމް ވިދާޅުވީ އެ އިވެންޓަށް ގްރޫޕްގެ ފަރާތުން ވާން ޖެހޭ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށާއި، އެ އިވެންޓަށް ގްރޫޕް ވަނީ ވަރަށް ފުރިހަމައަށް ތައްޔާރު ވެފައި ކަމަށެވެ.
ރައިވެރިބޭގެ ޖިހާދު ފެތުމަކީ ރާއްޖޭގެ ސްވިމިންގް އެސޯސިއޭޝަނާއި އެމްއެންޑީއެފްގެ އިތުރުން އިތުރު ގިނަ ފަރާތްތަކެއްގެ އެހީއާއެކު ހޯމް މިނިސްޓްރީން އިންތިޒާމްކުރާ އިވެންޓެކެވެ. އެ އިވެންޓުގެ ބެނުމަކީ އަލިރަސްގެފާނު ޕޯޗުގީޒުންނާއި ދެކޮޅަށް ވެ ވަޑާއިގެންނެވި ޖިހާދުގައި ބައިވެރި ވުމަށް، ވިލިނގިލިން މާލެއަށް ފަތާފައި އައި ރައިވެރިބޭގެ ހަނދާން އާ ކުރުން ކަމަށް ހޯމް މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ.
އެގޮތުން އެ އިވެންޓުގެ ހަމަޖެހިފައި ވާގޮތުން، ބައިވެރިވާ ފަރާތްތައް ޖެހެނީ ވިލިނގިލިން މާލެއަށް ފަތާފައި އަންނާށެވެ. އެ އިވެންޓުގައި ވަނަތައް ދޭގޮތަށް ހަމަޖެހިފައި ނުވާއިރު، އިވެންޓު ނުނިންމިއަސް ހުރިހާ ބައިވެރިންނަށާއި، އިވެންޓް އެންމެ ކުރިން ނިންމާ ފަރާތަށް ވަނީ ހާއްސަ ހަނދާނީ އިނާމެއް ދޭ ގޮތަށް ހަމަޖެހިފައެވެ.