ދުބާއި ޕޯޓްސް ވޯލްޑް (ޑީޕީ ވޯލްޑް) އިން ތިލަފުށީގައި ތަރައްގީ ކުރާ ޒަމާނީ ބަނދަރާއި ފްރީ ޓްރޭޑް ޒޯނާ އެކު ވަޒީފާތައް އިތުރުވެ، އާ ވިޔަރފާރިތައް އުފެދިގެންދާނެ ކަމަށް އެ ކުންފުނީގެ ޗެއާމަން ސުލްތާން އަހުމަދު ބިން ސުލޭއެމް ވިދާޅުވެއްޖެ އެވެ.

ދުބާއީގައި ދިވެހި ސަރުކާރުގެ ވަޒީރުންގެ ވަފުދަކާ އެކު ބޭއްވި މަޝްވަރަތަކަށް ފަހު ދެއްވި އިންޓަވިއުއެއްގައި ސުލޭއެމް ވިދާޅުވީ އެ ޕްރޮޖެކްޓަށް ޝައުގުވެރިވީ ސަރުކާރުން ކުރި ބުރަ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑުމެންގެ ތަޖުރިބާ އެބަހުރި ވަރަށް ކުޑަކޮށް ކަމެއް ފަށައި އެކަންތައް ބިޔަ ކަމަކަށް ބަދަލުކުރުމުގެ،" ސުލޭއެމް ވިދާޅުވި އެވެ.

ދުބާއި ޕޯޓްސް ވޯލްޑުން ވަނީ ދުބާއީގެ ޖަބަލް އަލީ ބަނދަރުގެ މަސައްކަތް ވަރަށް ކުޑަކޮށް ފެށުމަށް ފަހު އެތަން ޒަމާނީ ބަނދަރަކަށް ބަދަލުކޮށްފަ އެވެ. ޖަބަލް އަލީ ޕޯޓަކީ ދުނިޔޭގެ އެންމެ ބޮޑު ދިހަ ބަނދަރުގެ ތެރޭގައި ހިމެނޭ ބަނދަރެކެވެ. އަދި ޑީޕީ ވޯލްޑަކީ މިހާރު ދުނިޔޭގެ އެންމެ ގިނަ ބަނދަރު އޮޕަރޭޓް ކުރާ ކުންފުންޏެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ މުޅި ދުނިޔޭގެ ވެސް އެންމެ ކާމިޔާބު ފަތުރުވެރިކަމުގެ ސިނާއަތް ކަމަށް ގަބޫލުކުރައްވާ ކަމަށާއި މި ސިނާއަތް އިތުރަށް ކުރިޔަށް ގެންދިއުމަށް ވެސް ބޭނުން ވަނީ ލޮޖިސްޓިކް ޕާކަކާއި ފްރީ ޓްރޭޑް ޒޯނެއް ކަމަށް ސުލޭއަމް ވިދާޅުވި އެވެ.

"ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން. ރާއްޖޭގައި މިހާރު އޮތް ބަނދަރަށް މިހާރު (ރިސޯޓްތަކަށް މުދާ ގެންދިއުމަށް އޮތް) ޑިމާންޑާ އެއްވަރަށް ސަޕްލައި ކުރުމަށް ވަނީ ދަތިވެފައި،" ސުލޭއަމް ވިދާޅުވި އެވެ.

ތިލަފުށީގައި ހަދާ ބަނދަރު ހަދާނީ މުސްތަގުބަލުގައި އެއަށް ވުރެ އިތުރަށް ފުޅާ ކުރެވޭނެ ގޮތަށް ކަމަށް ވެސް ސުލޭއެމް ވިދާޅުވި އެވެ.

ދިވެހި ސަރުކާރާއި ޑީޕީ ވޯލްޑާ އެކު ސޮއި ކުރި އެމްއޯޔޫ އާ އެކު މިހާރު ވަނީ ބަނދަރު ކުރެހުމުގެ މަސައްކަތް ފަށައިފަ އެވެ.

ތިލަފުށީގައި ޒަމާނީ ބަނދަރެއް ހެދުމަށާއި ފްރީ ޓްރޭޑް ޒޯނެއް ގާއިމުކުރުމަށް ހިއްކަން ޖެހޭ ސަރަހައްދު ހިއްކުމާއި ރިވެޓްމަންޓް ޖެހުމާއި މުޅި ޕޯޓުގެ ފެސިލިޓީ ގާއިމް ކުރުމާއި މުޅި އޮޕަރޭޝަނުގެ ހުރިހާ ކަމެއް ކުރާނީ ޑީޕީ ވޯލްޑުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި އިކޮނަމިކް ކައުންސިލްގެ ކޯ ޗެއާ އަހުމަދު އަދީބު ވަނީ ވިދާޅުވެފަ އެވެ. ޑީޕީ އަކީ ދުނިޔޭގައި އެންމެ ގިނަ ބަނދަރު އޮޕަރޭޓްކުރާ ކުންފުންޏެވެ. އެ ކުންފުނިން ދުނިޔޭގެ އެކި ހިސާބުތަކުގެ 60 ބަނދަރު އޮޕަރޭޓްކުރެ އެވެ.