21 Mar 2015, 10:19
ލޮޒާން (މާޗް 21) : ސްވިސްޓްޒަލޭންޑްގައި ކުރިޔަށްދާ އީރާނުގެ ނިއުކްލިޔާ ވާހަކަތަކުގެ ފަހުމަރްޙަލާގައި އެއްބަސްވުން ފައިނަލް ކުރުމަށް އެމެރިކާ ހުށަހެޅި ތިން ނުކުތާގެ ހުށަހެޅުމަކަށް އީރާން ދެކޮޅު ހަދައިފި އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ހުށަހެޅުއްވި މިހުށަހެޅުން ބިނާވެފައި ވަނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކުގައިވާ ޔޫރޭނިޔަމް ފައްކާ ކުރުމަށް ބޭނުންކުރާ ސެންޓްރިފިއުޖް މެޝިންތަކުގެ އަދަދު ދިހަ އަހަރުވަންދެން ހަހާހަށް ވުރެ އިތުރު ނުކުރުމަށާއި އީރާނާދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް މަރުޙަލާތަކަކަށް ބަހާލައިގެން އުވާލުމުގެ މައްޗަށެވެ.
އީރާނުގެ ދެކޮޅު ހެދުންތަކާ ގުޅިގެން އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވިދާޅުވީ ނިއުކްލިޔާ ވާހަކަތަކަށް ކުރިއެރުންތައް ލިބުނު ނަމަވެސް މިވާހަކަތައް ކާމިޔާބު ކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމުގަ އެވެ. އީރާނުގެ ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު ޖަވާދު ޒަރީފް ވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެއްކޮށް އުވާލައި ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގު އީރާނަށް ލިބިދޭ އެއްބަސްވުމެއްގައި ނޫނީ އެގައުމުން ސޮއިނުކުރާނެކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.
އަނެއްކޮޅުން އީރާނާއި އެމެރިކާއާ ދެމެދު އޮތް ދެކޮޅުވެރިކަން ނައްތާލައި އަލުން އިތުބާރު ގާއިމް ކުރުމަށް މިހާރަށް ވުރެ ރަނގަޅު ފުރުސަތެއް މިހާތަނަށް ލިބިފައި ނުވާކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ އީރާނުގެ ފާރިސީ އަހަރު ފެށުމުގެ މުނާސަބަތުގައި އެގައުމުގެ ރައްޔިތުންނަށް މެސެޖެއް ފޮނުއްވާފަ އެވެ. އެމެސެޖެއްގައި އޮބާމާ ވިދާޅުވީ ދެ ގައުމުގެ ގުޅުންތަކުގެ މުޅިން އާ މަރްހަލާއެއް ފެށުމުގެ އެއްބަސްވުމަކާ ހަމައަށް ދެވުން އޮތީ ވަރަށް ކައިރީގައި ކަމަށާ މިފުރްސަތު ނަގާލުމަކީފަހުން ހިތާމަ ކުރަންޖެހޭފަދަ ކަމެކެވެ.
ނިއުކްލިޔާ މައްސަލާގައި އެއްބަސްވުމަކާ ހަމައަށް ދިޔުމުގެ ކުރިން އީރާނުން ކަށަވަރުކުރަން ބޭނުން ކަންކަމުގެ ތެރޭގައި އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެއްކޮށް ނައްތާލުމުގެ ގެރެންޓީ އާއި އެކަމަށް ނަގާނެ މުއްދަތެއް ސާފުކުރުން ހިމެނެ އެެވެ. މިކަމުގައި ކަށަވަރު ޖަވާބެއް އެމެރިކާގެ ފަރާތުން އަދި ލިބިފައިނުވާ ކަަމަށް ޚަބަރުލިބެ އެެވެ. ނައްތާލެވިދާނެތޯ ކަނޑައެޅުން ހިމެނެ އެވެ. ނިއުކްލިއަ ޕްރޮގްރާމާ ގުޅިގެން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން އެ ގައުމުގެ އިގުތިސާދަށް ބޮޑު ދަތިތަކެއް ކުރިމަތިވެފައިވާ އިރު މިކަމުން ސަލާމަތްވެ ހިންދެމިލަން އީރާން ބޭނުންވެ އެވެ.
ޓެކްނޮލޮޖީއާއި އިންސާނީ ވަސީލަތްތަކާ އަދި ތެލާއި ގުދްރަތީ ގޭސްފަދަ އެތައް މުއްސަނދިކަމެއް ލިބިފައިވާ އީރާން ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތް ވެއްޖެ ނަމަ މިހާރަށް ވުރެ ވަރުގަދަ ސަރަހައްދީ ބާރެއްގެ ގޮތުގައި މެދުއިރުމައްޗާއި އޭޝިޔާގައި ފާޅުވެގެންދާނެ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. (ރޮއިޓާސް)