ދުބާއީ އިން: މުހައްމަދު ނާސިހު:

ވަޒީރުންގެ ވަފުދެއް ޖަބަލް އަލީ ބަނދަރަށާއި ޖަބަލް އަލީ ފްރީޓްރޭޑް ޒޯނަށް ޒިޔާރަތްކޮށްފި އެވެ. އެ ބަނދަރާއި ފްރީ ޓްރޭޑް ޒޯންގެ ވެރިފަރާތަކީ އަދި ހިންގާ ފަރާތަކީ ވެސް ދުބާއީ ޕޯޓްސް ވޯލްޑް (ޑީޕީ ވޯލްޑް) އެވެ.

ޑީޕީ ވޯލްޑުން ވަނީ ތިލަފުށީގައި ބަނަދަރެއް ތަރައްގީ ކުރުމަށާއި ފްރީ ޓްރޭޑް ޒޯނެއް ގާއިމުކުރުމަށް ދިވެހި ސަރުކާރާ އެކު ބުރާސްފަތި ދުވަހު ސޮއިކޮށްފަ އެވެ.

އެ ޒިޔާރަތުގައި ބައިވެރިވެ ވަޑައިގެންފައި ވަނީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު، ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު، ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އަދި އެޓާނީ ޖެނަރަލް

މުހައްމަދު އަނިލް އެވެ.

އެ ބޭފުޅުންނަށް ބަނދަރާއި އަދި ފްރީ ޓްރޭޑް ޒޯނާ ބެހޭ މައުލޫމާތު ދެއްވާފައި ވަނީ ދުބާއީ ޕޯޓްސްގެ ވޯލްޑްގެ ޗެއާމަން ސުލްތާން އަހުމަދު ބިން ސުލޭއެމް އާއި ވައިސް ޗެއާމަން ޖަމާލް މާޖިދު ބިން ތާނިއާ އެވެ.

ޑީޕީ ވޯލްޑާއި ސަރުކާރުން މަޝްވަރާތައް ކުރުމަށް ފަހު އެކުލަވާލި އެމްއޯޔޫގައިވާ ގޮތުން އެއް މަސް ދުވަހުގެ ތެރޭގައި ކޮންޓްރެކްޓަކާ ހިސާބަށް ދާން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވަނީ ވިދާޅުވެފަ އެވެ.

އަދި ކޮންޓްރެކްޓަގައި ސޮއިކުރާތާ ދެ އަހަރު ދުވަސް ތެރޭގައި ބަނދަރާއި ފްރީ ޓްރޭޑް ޒޯންގެ މަސައްކަތް ނިންމާލުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށް އަދީބު ވަނީ ވިދާޅުވެފަ އެވެ.

ޑީޕީ ވޯލްޑަކީ އަކީ ދުނިޔޭގައި އެންމެ ގިނަ ބަނދަރު އޮޕަރޭޓްކުރާ ކުންފުންޏެވެ. އެ ކުންފުނިން ދުނިޔޭގެ އެކި ހިސާބުތަކުގެ 60 ބަނދަރު އޮޕަރޭޓްކުރެ އެވެ. ޖަބަލް އަލީ ފްރީ ޓްރޭޑް ޒޯނުގައި ދުނިޔޭގެ 6،000 އަށް ވުރެ ގިނަ ކުންފުނިން ވަނީ މި ޒޯނުގައި އެ މީހުންގެ އޮފީސް ގާއިމުކޮށް އިންވެސްޓްކޮށްފަ އެވެ. މީގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑެތި 500 ކުންފުނީގެ ތެރެއިން 150 ކުންފުނި ހިމެނެ އެވެ.