21 Mar 2015, 00:47
ބަނޑޭރިކޮށީގައި އަލިފާން ރޯކޮށްލަން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު އެ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ސްޓޭޝަން އިންސްޕެކްޓަރު އިސްމާއިލް އަލީ މިރޭ ސަން އަށް ވިދާޅުވީ ސިފައިންގެ އާއިލާތައް ދިރިއުޅޭ ބަނޑޭރިކޮށީގައި އަލިފާން ރޯކޮށްލަން އުޅޭކަމުގެ މައުލޫމާތު ލިބުމާއެކު އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަމުން އަންނަ ކަމަށެވެ.
"ސިފައިންގެ ކޮށީގައި އަލިފާން ރޯކޮށްލަފާނެކަމުގެ މައުލޫމާތުތަކެއް ވަނީ އިތުބާރު ހުރި ގޮތަކަށް ލިބިފައި އޮތީމަ އެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ސިފައިންނާއި ފުލުހުންނާއި ގުޅިގެން ކުރަމުންދަނީ،" އިސްމާއިލް ވިދާޅުވި އެވެ.
ބަނޑޭރިކޮށީގައި އަލިފާން ރޯކޮށްލާނެ ކަމުގެ މައުލޫމާތާއެކު ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާއިރު ރޭގައި ވަނީ ލިލީގެ ގުދަނެއްގައި އަލިފާން ރޯވެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފަ އެވެ.
ލިލީ އެންޓަޕްރައިޒެސްގެ ގުދަނެއްގައި ރޭ ރޯވިއިރު މާލޭ ކުޅިވަރު އެކުވެނި ކައިރީގައި ހުރި ތަނެއްގައި ވެސް ބަޔަކު މީހުން ވަނީ ރޯކޮށްލާފައި އެވެ. މަންޒަރު ދުށް މީހަކު ބުނީ އަލިފާން ރޯކުރީ ސައިކަލެއްގައި އެ ތަނަށް ދިޔަ ދެ މީހަކު ކަމަށެވެ. އެ މީހުން އެތަނަށް "ޕެޓްރޯލް ބޮމެއް" އެއްލާލާފައި ފިލި ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ.