ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ޝަރީއަތުގެ ކުރިން ތައްޔާރުކޮށް ނިމިވައިވާ ހުކުމެއް ކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށް ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންގެ މިނިވަންކަމާ ބެހޭ އދ.ގެ ސްޕެޝަލް ރެޕަޓުއަ ގެބްރިއެއްލާ ނައުލް އިއްޔެ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ އިންސާފުން ނޫންކަމަށް ބުނެ ނައުލްގެ އޮފީހުން އިއްޔެ ނެރިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ މަދަނީ އަދި ސިޔާސީ ހައްގުތަކާއި ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ ހިލާފަށް، "ދިވެހި ރާއްޖޭގެ ގާނޫނު އަސާސީއަށް ކޮށްފައިވާ މަލާމާތެއް" ކަމަށެވެ.

"ޝަރީއަތް ކުރިއަށްދިޔަ އަވަސްމިނާއި، އިންސާފަށް ބަލާއިރު އަޅުގަނޑަށް ގަބޫލު ކުރެވޭ ކޮށްފައިވާ ހުކުމަކީ ކުރިން ތައްޔާރުކޮށްފައިވާ އެއްޗެއް ކަމަށް." ނައުލްގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ފެބުރުއަރީ މަހުގެ 22 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ނަޝީދު ބަންދު ކުރުމަށް ފަހު އެމަނިކުފާނާ މެދު އަމަލުކޮށްފައި ވަނީ އެއްވެސް ޑިމޮކްރެޓިކް މުޖުތަމައުއެއްގައި އަމަލުކުރަންވާނެ ގޮތަށް ނޫން ކަން ފާހަކުރައްވައި ނައުލްގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ނަޝީދުގެ ޝަރީއަތް ކުރިއައް ގެންދިއުމުގައި "އިންސާފުވެރި ޝަރީއަތުގެ އަސާސްތަކަށް އހުތިރާމް ނުކުރުމުން ކަންބޮޑުވޭ" ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ހައްޔަރު ކުރި މައްސަލާގައި ދައުލަތުން ނަޝީދުގެ މައްޗަށް ކޮށްފައިވާ ޝަރީއަތުގައި ވަކީލުންނަށް ދިފާއުގައި ވަކާލާތުކުރުމަށް ތައްއްޔާރު ވުމަށް ޖާގަ ނުދޭކަން ފާހަގަކުރައްވާ ނައުލްގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ނަޝީދުގެ ވަކީލުން ޝަރީއަތް ދޫކޮށްލުމުން ވަކީލަކު އައްޔަންކުރުމަށް އެކަށީގެންވާ ފުރުސަތު ނަޝީދަށް ދީފައިނުވާތީ ކަންބޮޑުވާ ކަމަށެވެ. ތޭރަ އަހަރަށް ޖަލަށް ލުމަށް ނަޝީދުގެ މައްޗަށް ހުކުމްކޮށްފައިވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ.

ގެބްރިއެއްލާ ނައުލް މީގެ ކުރިން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ ޝަރުއީ ދާއިރާއަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ ގާނޫނުގެ ހުކުމަށާއި ޝަރުއީ ދާއިރާގެ މިނިވަންކަމަށް އިހުތިރާމް ނުކުރުމުގެ އަމަލުތައް ކަންބޮޑުވާ މިންވަރަށް ރާއްޖޭގައި އިތުރުވަމުންދާ ކަމަށެވެ.