20 Mar 2015, 23:06
ޔަމަންގެ ވެރި ރަށުގެ ދެ މިސްކިތަކަށް ޖާނުން ފިދާވެގެން ބަޔަކު ދިން ބޮމުގެ ހަމަލާއެއްގައި 126 މީހުން މަރުވެ، 260 މީހުން ޒަހަމުވެއްޖެ އެވެ.
ބަދަރު އަދި ހުޝޫސު މިސްކިތުގައި މިއަދު މީހުން ހުކުރު ނަމާދަށް ތިއްބައި ހަތަރު މީހަކު ވަނީ ވަދެ ހަމަލާދީފަ އެވެ.
ބީބީސީ އިން ބުނީ އެ ދެ މިސްކިތަށް ގިނަ އައިން ނަމާދަށް އަރަނީ ރެބެލް ގްރޫޕް ހޫތު ޖަމާއަތަށް ނިސްބަތްވާ، ޒައިދީ ޝިއާ އަށް ތާއީދު ކުރާ މީހުން ކަމަށެވެ.
މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ޔަމަނުގައި ގޮތްޕެއް ހަދާފައިވާ "އިސްލާމިކް ސްޓޭޓް" ނޫނީ އައިއެސް ޖަމާއަތުން ބުނީ އެ ހަމަލާތަކުގެ ޒިންމާ އެ ޖަމާއަތުން އުފުލާ ކަމަށެވެ.
އައިއެސް ޖަމާއަތަށް ނިސްބަތްވާ ބަޔަކު ކުރި ޓުވީޓެއް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނީ، އެ ހަމަލާ ދިނީ އެ މީހުން ކަމަށާއި އަދި އެއީ އެ ޖަމާއަތުން ޔަމަނުގައި ދިން ފުރަތަމަ ހަމަލާ ކަމަށެވެ.
ހޫތު ޖަމާއަތުގެ މީހުންނާއި އަދި ބާރު ގަދަ ފަރާތްތަކުގެ މެދުގައި ވަނީ ހޫނުކަން އުފެދިފަ އެވެ. އޭގެ ތެރޭގައި ހަތިޔާރު ގެންގުޅޭ މިލިޓަންޓް ޖަމާއަތްތަކާއި އަލްގައިދާ މީހުން ހިމެނެ އެވެ.
ބީބީސީ އަށް މައުލޫމާތު ދިން މީހުން ބުނީ ޖާނުން ފިދާވުމުގެ ހަމަލާ ބަދަރު މިސްކިތަށް ދިނީ ދެ މީހުން ކަމަށެވެ. އަދި ބުނީ އެކަކު ފުރަތަމަ މިސްކިތަށް ވަދެެ ބޮމުގެ ހަމަލާ ދިން ކަމަށާއި އަދި މީހުންތައް ބޮޑު ގޭޓުން ނުކުންނަން މަސައްކަތް ކުރުމުން ދެ ވަނަ މީހާ އެތަނުން ކުރިމަތިލި ކަމަށެވެ. އަލްޖަޒީރާ އިން ބުނީ އެ ހަމަލާގައި ބަދުރު މިސްކިތުގެ އިމާމު ވެސް މަރުވި ކަމަށެވެ.
އަލް ހުޝޫސް މިސްކިތަށް ވެސް ހަމަލާ ދިނީ ދެ މީހުން ކަމަށާއި އެކަކު ޖާނުން ފިދާވެގެން ހަމަލާ ދިނީ މިސްކިތަށް ވަދެ ކަމަށެވެ.