ދުނިޔޭގެ ބާޒާރަށް އެންމެ ފަހުން ނިކުތް ސޮނީގެ ތްރީޑީ ޓީވީ އަށް ހާއްސަ ސެކްޝަނަކާ އެކު ރީފްސައިޑުން ސޮނީގެ އުފެއްދުންތަކަށް ހާއްސަ އާ ޝޯރޫމްއެއް ހުޅުވައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޯކިޑުމަގުގެ ލައިޓް ކައިރީގައި ކުލަގަދަ ރަސްމިއްޔާތަކާ އެކު ހުޅުވި އެ ޝޯރޫމް ހުންނަނީ އޯކިޑްމަގު ދަ ލީނާ ބިލްޑިންގުގަ އެވެ.

ރީފްސައިޑުގެ ތިން ވަނަ ޝޯރޫމް ހުޅުއްވައި ދެއްވީ ސޮނީ ސިންގަޕޫރުން ސައުތު އޭޝިއާ އަށް ކަނޑައަޅާފައި ހުންނަވާ ޖެނެރަލް މެނޭޖަރު ވިލްސަން އެވެ.

އެ ޝޯރޫމްގައި ތްރީޑީ ޓީވީ އަށް ހާއްސަ ސެކްޝަނެއްގެ އިތުރުން ސޮނީ މޯބައިލް ފޯނާއި ކެމެރާއާއި އެމްޕީތްރީ ޕްލެއާ އަދި ހޯމް ތިއޭޓާ ސިސްޓަމް ވެސް އެ ޝޯ ރޫމުން ލިބެން ހުރެ އެވެ. އަދި އެ ޝޯރޫމުން ލިބެންހުންނަ ސޮނީގެ ހުރިހާ އުފެއްދުންތަކުގެ އަޖުމަ ބަލައި ލުމުގެ ފުރުސަތު ލިބެންހުރެ އެވެ.

ޝޯރޫމް ހުޅުވައި ދެއްވުމަށް ފަހު ވިލްސަން ވިދާޅުވީ ރާއްޖޭގެ މާކެޓަކީ ސޮނީ އަށް ވަރަށް މުހިންމު މާކެޓެއް ކަމަށާއި ސޮނީގެ އުފެއްދުންތައް ރާއްޖޭގެ މާކެޓުގައި ވިކުނު އަދަދު އެތައް ތަނަކުން އިތުރުވެފައިވާ ކަމަށެވެ.

"ސޮނީ އަށް އޮތް ޑިމާންޑް ރާއްޖޭގައި އަންނަނީ މަތިވަމުން. ސޮނީގެ އިލެކްޓްރޯނިކް ސާމާނުތަކަށް ރާއްޖޭގެ މާކެޓުން އެކަށީގެންވާ ހިއްސާއެއް ލިބިގެން މިދަނީ އަޅުގަނޑުމެންގެ ޑިސްޓްރިބިއުޓާ ރީފް ސައިޓުގެ ސަބަބުން،" ވިލްސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރީފްސައިޑްގެ އެ ސޯރޫމުގެ ސަބަބުން ދިވެހިންގެ އިތުރުން ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ވެސް އެ އުފެއްދުންތައް ކުރިއަށް އޮތް ތަނުގައި ލިބިގެން ދާނެ ކަމަށެވެ.
ރީފްސައިޑަކީ ރާއްޖޭގައި ހުންނަ ސޮނީގެ އޮތޮރައިޒްޑް ޑިސްޓްރިބިޔުޓާ އެވެ.