20 Mar 2015, 22:07
ދ. ހުޅުދެލީގައި އެސްޓީއޯ ބޭސްފިހާރައެއް ހުޅުވައިފި އެވެ. މި ބޭސްފިހާރަ ހުުުޅުވައިދެއްވީ އެ ރަށު ސިއްހީ މަރުކަޒު ގޯތި ތެރޭގައި މިއަދު ހަވީރު އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ދ. ކުޑަހުވަދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަހުމަދު އާމިރު އެވެ.
މި ރަސްމިއްޔާތުގައި އާމިރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ހުޅުދެލީ ގައި ސަރުކާރުގެ ބޭސް ފިހާރައެއް ހުޅުވުމުން ރައްޔިތުންނަށް ލިބިގެން އެދިޔައީ ވަރަށް ބޮޑު ލުޔެއް ކަމަށެވެ. ހުޅުދެލީ ރައްޔިތުން އަސާސީ ބައެއް ބޭސްތައް ގަތުމަށް ވެސް އަތޮޅުގެ ވެރިރަށް ކުޑަހުވަދޫ ނުވަތަ އެ ނޫން ވެސް ރަށްރަށަށް ބޮޑެތި ހޭދަތައް ކޮށްގެން ކުރާން ޖެހޭ ދަތުރުތަކަށް މި ބޭސް ފިހާރައިގެ ސަަބަބުން ނިމުމަކަށް އަންނާނޭ ކަމަށް އާމިރު ވިދާޅުވި އެވެ.
އާމިރު އިތުރަށް ވިދާޅުވީ ރަށްފުށުގެ ތަރައްގީ އަށް ޓަކައި ކުރެވޭ މި ފަދަ މަސައްކަތްތަކުގެ ސްޕީޑު އަވަސް ކުރުމަށް ޓަކައި ކަމާ ގުޅުން ހުރި އެކިއެކި މަގާމު ތަކުގައި ސަރުކާރާ ގުޅިގެން އެކަންކަން ކުރުމަށް އެއްބާރުލުން ދޭނެ މީހުން ތިބުން ވަރަށް މުހިންމު ކަމަށެވެ. އަދި ހަމަ އެހެންމެ ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރެވޭ މީހުން ހޮވުމުގައި ވެސް ރައްޔިތުން އެދޭ ތަރައްގީ އަވަސް ސްޕީޑުގައި ގެނެސްދެވޭނީ ސަރުކާރާ ގުޅިގެން އެއް ފިކުރެއްގައި މަސައްކަތް ކުރާނޭ މީހުން ރައްޔިތުން އިޚުތިޔާރުކޮށްގެން ކަމަށް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި އާމިރު ވަނީ މީދޫ ދާއިރާގެ ރަށްރަށުގެ ތަރައްގީ އަށް ޓަކައި ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަ ކުރައްވައި ސިޔާމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ހުޅުދެލީގެ ތަރައްގީ އަށް ރަށުގެ ރައްޔިތުންނާއި ރަށު ކައުންސިލް އަދި ދ. އަތޮޅު ކައުންސިލުން ކުރައްވާ މަސައްކަތް ފާހަގަ ކުރައްވައި އެ ފަރާތްތަކަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.