20 Mar 2015, 21:49
އެޑްވޮކޭޓިން ދަ ރައިޓްސް ފޮ ޗިލްޑްރެން (އާކް) އިން އެ އޯގަނައިޒޭން ކުރިއެރުވުމަށް ކުރިއަށް ގެންދާ "ޕާޓްނާޝިޕް ވިތު ކޯޕަރޭޓް އެމްބެސެޑާސް ޕްރޮގްރާމް" ގެ ދަށުން ތިން ފަރާތަކާ އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
ކުރުނބާ މޯލްޑިވްސްގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެ އޯގަނައިޒޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ އާކްގެ އެގްޒެކިއުޓިވް ޑިރެކްޓާ ޒެނީޝާ ޝަހީދު އަލީ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އާކްއާ ގުޅިފައިވާ ތިން ފަރާތަކީ ޕެޓްރޯން އޮފް ޗިލްޑްރެންސް ރައިޓްގެ ފަންތިން އިވެންޓް މޯލްޑިވްސް އާއި ސަޕޯޓާސް އޮފް ޗިލްޑްރެންސް ރައިޓްގެ ފަންތީން އެމްސެވެން ޕްރިންޓް އަދި އިންކް އިންވެސްޓްމެންޓް މޯލްޑިވްސް އެވެ.
އެ ރަސްމިއްޔާތުގައި އިވެންޓް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހުމަދު މިދުހަތެވެ. އެމްސެވެން އިން އެކުންފުނީގެ މެނޭޖާ އަބްދުލް ރަޝީދު އަބްދުލް ސައްތާރު ސޮއި ކުރެއްވި އިރު އިންކް އިން ސޮއި ކުރައްވާފައި ވަނީ އެ ކުންފުނީގެ ޑިރެކްޓާ ފައިނޭންސް ޒުހައިރު ރަޝީދެވެ.
ޕެޓްރޯން އޮފް ޗިލްޑްރެން ފަތިން އެއްބަސްވުމުގައި ސޮއި ކޮށްފައިވާ ފަރާތުން އެ އޯގަނައިޒޭޝަނުން ހިންގާ ހަރަކާތްތަކަށް މާލީ އެހީ ފޯރުކޮށްދޭނެ ކަމަށް އާކް އިން ބުންޏެވެ. އަދި ސަޕޯޓާސް އޮފް ޗިލްޑްރެންސް ރައިޓްގެ ފަންތިން އެއްބަސްވުމުގައި ސޮއި ކޮށްފައިވާ ފަރާތްތަކުން އެ އޯގަނައިޒޭޝަނަށް އެހެން ގޮތްގޮތުން ބޭނުންވާ އެހީތައް ފޯރުކޮށްދޭނެ ކަމަށްވެސް އާކް އިން ވަނީ ބުނެފައެވެ.
ވޭތުވެ ދިޔަ އަހަރު ކޯޕަރޭޓް އެމްބެސެޑާސްގެ ގޮތުގައި އާކްއާ ބައިވެރިވެފައިވާ ފަރާތްތަކަށް އެ ރަސްމިއްޔާތުގައި ވަނީ ހަނދާނީ ލިޔުމާއި ފިލާ ހަވާލު ކޮށްފައެވެ.
މިއަހަރު ކުރިއަށް ހުރި ޕްރޮގްރާމްތަކުގެ މައްޗަށް ވެސް ވަނީ މިއަދުގެ ރަސްމިއްޔާތުގައި އަލިއަޅުވާލާފަ އެވެ. އޭގެތެރޭގައި އަންހެން ކުދިން ބާރުވެރި ކުރުމާއި ރައްކާތެރި އިންޓަނެޓް ޕްރޮމޯޓް ކުރުމާއި އަމިއްލަ ނަފްސަށް ލޯބި ކުރުމުގެ މައްޗަށް ޕްރޮގްރާމްތަކެއް ހިންގޭނެ ކަމަށް އާކް އިން ބުންޏެވެ. އަދި މީގެ އިތުރުންވެސް ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިޔުމަށް އާކް އިން ވަނީ ނިންމާފައެވެ.