ޓެލްއަވީވް (މާޗް 20): އިސްރާއީލުގެ ވެރިކަމަށް އަލުން އިންތިޚާބުވެ ވަޑައިގެންފިނަމަ ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވުމަށްފަހު އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޭނާގެ ވާހަކަތައް އަނެއްކޮޅަށް ބަދަލުކުރައްވައިފި އެވެ.

ނަތަންޔާހޫ އިއްޔެ ވިދާޅުވީ އޭނާގެ ވެރިކަމުގައި ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ދެކޮޅު ނުހައްދަވާނެ ކަމަށާއި ނަމަވެސް ފަލަސްތީނުގެ ދައުލަތް ވާންޖެހޭނީ އެއްވެސް ހަތިޔާރެއް ގެންގުޅުމުގެ ހައްގު ލިބިފައިނުވާ ދައުލަތަކަށް ކަމަށެވެ.

ފަލަސްތީނުގެ މައްސަލައިގެ ޙައްލަކީ އިސްރާއީލުގެ އިތުރުން ފަލަސްތީނުގެ މިނިވަން ދައުލަތެއްވެސް ހުޅަނގު އައްސޭރިއާއި ޣައްޒާގައި އުފެއްދުންކަމަށާއި މިކަމަށްޓަކައި އެދެ ސަރަހައްދުން އިސްރާއީލު ފައިބަންޖެހޭނެ ކަމަށް ދުނިޔޭގެ ގައުމުތަކުން ދެކެއެވެ.

އަދި އދ. ގެ ސަލާމަތީ މަޖިލީހުންވަނީ މިކަމަށް އިސްރާއީލަށް ގޮވަލައި ގަރާރެއްވެސް 1968 ގައި ފާސްކޮށްފައެވެ.

ހުޅަނގު އައްސޭރިއާއި ޣައްޒާއަކީ ފަލަސްތީނުގެ ބިމުގެ 25 އިންސައްތަ އެވެ. ނަމަވެސް މީގެތެރެއިން ޣައްޒާވަނީ އިސްރާއީލުން ބޮންއަޅައި ސުންނާފަތިކޮށްލާފައެވެ. އަދި ހުޅަނގު އައްސޭރީގެ 15 އިންސައްތަ ބިމުގައި އިސްރާއީލުވަނީ ޔަހޫދީ އަވަށްތައް ބިނާކޮށް މިލިޔަނެއްހާ ޔަހޫދީން އެބިންތަކުގައި ވަޒަންވެރި ކުރުވާފައެވެ. މިކަމުގެ ބޭނުމަކީ ފަލަސްތީނުގެ ދައުލަތެއް އުފައްދާނެ ބިންކޮޅެއް މުސްތަގްބަލްގައި ނުބޭއްވުމެވެ.

ދެ ދައުލަތުގެ ޙައްލަށް ތާއީދުކުރާކަމަށް ނަތިންޔާހޫ ވިދާޅުވިނަމަވެސް އޭނާގެ ސަރުކާރުން އަމަލީގޮތުން ގެންދަނީ ފަލަސްތީނުގެ ދައުލަތެއް އުފައްދާނެ ބިންކޮޅެއް ނުބޭއްވުމުގެ ޕްލޭނެއް ތަންފީޒު ކުރަމުންނެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި އިސްރާއީލުގެ އާންމު އިންތިޚާބުގައި އެއްޕާޓީއަކުން އެގައުމުގެ ޕާލަމެންޓްގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ ނަތަންޔާހޫގެ ލިކޫޑް ޕާޓީންނެވެ. މިއާއެކު އިސްރާއީލުގެ ރައީސް ރޮއޮވިން ރިފްލިންވަނީ އެގައުމުގައި އައު ސަރުކާރެއް އެކުވަލާމުގެ މަސައްކަތް ނަތަންޔާހޫ އާ ޙަވާލު ކުރައްވާފައެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ޖާގަ ނުދެއްވާނެކަމަށް ވިދާޅުވެ އިސްރާއީލުގެ އިންތިޚާބާ ދިމާކޮށް ނަތަންޔާހޫ ވާހަކަ ދެއްކެވީ އިސްރާއީލުގެ ކަނާތު ފިޔައިގެ މީހުންގެ ތާއީދު ހޯދުމުގެ ބޭނުމުގައި ކަމަށް ވަނީ ބެލެވިފައެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ދެކޮޅު ނުހައްދަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވީ މިކަމާ އަނގަބަހުން ދެކޮޅު ހައްދަވާނަމަ ކުރިމަތިވެދާނެ ބައިނަލްއަގްވާމީ ފިއްތުންތަކަކުން ސަލާމަތް ވުމުގެ ބޭނުމުގައި ކަމަށާ ނަތަންޔާހޫގެ ސިޔާސަތަކީ ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ފުރްސަތު ނުދެއްވުންކަމަށް ފަލަސްތީނުން ބުނެއެވެ. (އަލްޖަޒީރާ)