20 Mar 2015, 20:03
ސިންގަޕޫރު (މާޗް 20): ނިއުމޯނިޔާގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ސިންގަޕޫރުގެ ބާނީ އަދި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ލީކުއާން ޔޫގެ ސިއްޙީ ޙާލުކޮޅު އިތުރަށް ދަށަށްދާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.
ސިންގަޕޫރުގެ ބޮޑުވަޒީރު ލީލުންގް ގެ އޮފީހުން ބުނިގޮތުގައި ލީކުއާން ޔޫގެ ޙާލުކޮޅު ދަނީ އިތުރަށް ގޯސްވަމުންނެވެ. އަދި އޭނާ ނޭވާލައްވަނީވެސް މެޝިނެއްގެ އެހީގައެވެ.
ޑޮކްޓަރުންނާ ޙަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އައި ސީ ޔޫގައި އޮންނެވި ލީ މިހާރު ގެންދަނީ މަރާ ހަނގުރާމަ ކުރައްވަމުންނެވެ.
މަދިރިއުފެދޭ ޗަސް ބިމެއްގެ ގޮތުގައި އޮތް އިނގިރޭސީންގެ އިސްތިޢުމާރުގެ ދުވަސްވަރު އޮތް ސިންގަޕޫރު، ތިރީހަކަށް އަހަރު ތެރޭގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމަކަށް ހައްދަވާފައިވާ ބާނީ އަކީ ލީކުއަންޔޫއެވެ.
ލީކުއަންޔޫ ވަނީ 31 އަހަރުގެ ދިގުމުއްދަތެއްގައި ސިންގަޕޫރުގެ ބާރުގަދަ ވެރިއެއްގެ ގޮތުގައި ބޮޑުވަޒީރުކަން ކުރައްވާފައެވެ. ސިންގަޕޫރުގެ މިހާރުގެ ބޮޑުވަޒީރު ލީ ލުންގް އަކީ ލީކުއަންޔޫގެ ދަރިކަލެކެވެ. ލީލުންގް ވެސް ދާދިފަހުންވަނީ ޕްރެސްޓޭޓް ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވާފައެވެ. ލީލުންގް ސިންގަޕޫރުގެ ބޮޑުވަޒީރު ކަމުގައި ހުންނަވާތާވެސް މިހާރު 16 އަަހަރު ވެފައިވެއެވެ.
ސިންގަޕޫރުގެ ބާނީގެ އިތުރުން އޭޝިޔާގައިވެސް ތަރައްގީގެ ރަމްޒެއްގެ ގޮތުގައި ސިފަކުރެވޭ އުމުރުފުޅުން 91 އަހަރުގެ ލީ ކުއަންޔޫ ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި އެނދުމަތި ކުރެވުނީ މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅުގައެވެ. މިއީ، އިނގިރޭސިވިލާތުގެ އިސްތިޢްމާރުން ސިންގަޕޫރު މިނިވަންވިތާ 50 އަހަރު ފުރޭ އަހަރެވެ. (ރޮއިޓާސް)