20 Mar 2015, 14:46
ލިލީ ސްޓޯރުގެ މާފަންނުގައި ހުރި ގުދަނެއްގައި ރޯވެ އެނދި ހާދިސާގައި އެސަރަހައްދުގެ ގޭ ތަކުން މީހުން ނެރެފައިވާއިރު އެގޭތަކުން ވައްކަން ކޮށްފައިވާ މައްސަލަތަކެއް ބަލަން ފަށައިފިއެވެ.
އެސަރަހައްދުގައި އުޅޭ ބައެއް ފަރާތްތަކުން ސަން އަށް މައުލޫމާތު ދިން ގޮތުގައި ރޭގެ އަލިފާނުގެ ހާދިސާއަށްފަހު އެމީހުން އެނބުރި ގޭގެއަށް ވަތްއިރު އެގޭގެއިން ވައްކަން ކޮށްފައިވާ ކަމަށެވެ.
"މިގޭ ތިން ވަނަ ފުލޯއިން ހަތަރު ލެޕްޓޮޕާއި ހަ ފޯން ވަނީ ވަގަށް ނަގާފަ، ވީގޮތަކީ މިގޭގައި އަލިފާން ހިފުމުން އެންމެން ނިކުމެގެން ދިޔައީ،" މ. ލިޓުލްހަޓް ގެއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެކަމާއި ގުޅޭގޮތުން ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ސްޓޭޝަން އިންސްޕެކްޓަރު އިސްމާއިލް އަލީ ވިދާޅުވީ ރޭގެ އެހާދިސާ ހިނގިވަގުތު އެސަރަހައްދުގެ ގޭތަކުން ވައްކަން ކޮށްފައިވާ މައްސަލަތަކެއް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ. ފުލުހުން އެމައްސަލަ ބަލަމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރޭ މާފަންނު ގައި ހުރި ލިލީ ސުޓޯރުގެ ގުދަނުގައި ރޯވެ އަނދާފައިވާ އިރު އެސަރަހައްދުގައި ދިރި އުޅޭ ބައެއް އާއިލާތަށް އަދިވެސް ގެއައް ނުވަދެވެ އެވެ. އަދި ދުމުގެ އަސަރު މިހާރުވެސް އެސަރަހައްދުގައި އެބަހުއްޓެވެ.
ލިލީ ސްޓޯރުގެ ވެރިޔާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ މައްލާ ނާސިރު ވިދާޅުވެފައި ވަނީ އޭނާގެ ގުދަނުގައި ރޯވެ އަނދާ ހުލިވުމުގެ ސަބަބުން 30 މިލިއަން ރުފިޔާ ގެއްލުންވެފައިވާ ކަމަށެވެ.