20 Mar 2015, 14:17
މަޝްހޫރު ވިޔަފާރި ކުންފުނި ލިލީ ސްޓޯރުގެ މާފަންނުގައި ހުރި ގުދަނެއްގައި ރޯވެ އަނދާފައިވާ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށާއި ވިޔަފާރިވެރިންގެ ހިތާމާގައި ބައިވެރިވާ ކަމަށް ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ރޭ މާފަންނު ގައި ހުރި ލިލީ ސުޓޯރުގެ ގުދަނުގައި ރޯވެ އަނދާފައިވާ އިރު އެސަރަހައްދުގައި ދިރި އުޅޭ ބައެއް އާއިލާތަށް އަދިވެސް ގެއައް ނުވަދެވެ އެވެ. އަދި ދުމުގެ އަސަރު މިހާރުވެސް އެސަރަހައްދުގައި އެބަހުއްޓެވެ.
ނައިބު ރައީސް ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ " އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކާއި ވިޔަފާރިވެރިންގެ ހިތާމައިގައި ބައިވެރިވަން" ކަމަށެވެ.
ލިލީ ސްޓޯރުގެ ވެރިޔާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ މައްލާ ނާސިރު ވިދާޅުވެފައި ވަނީ އޭނާގެ ގުދަނުގައި ރޯވެ އަނދާ ހުލިވުމުގެ ސަބަބުން 30 މިލިއަން ރުފިޔާ ގެއްލުންވެފައިވާ ކަމަށެވެ. ނައިބު ރައީސް ޖަމީލު ވަނީ މިއަދު ހެނދުނު އެސަރަހައްދަށް ޒިޔާރަތް ކުރައްވާ ސަރަހައްދުގެ ގެތަކާއި ގުދަނަށް ލިބުނު ގެއްލުން ބައްލަވާލައްވާފަ އެވެ.
ޖަމީލު ވިދާޅުވީ ގައުމީ ސަލާމަތާއި، ގައުމީ ދިފާއީ ބާރުގެ ގޮތުގައި ފުލުހުންނާއި ސިފައިން ގުޅިގެން ކުރި މަސައްކަތަކީ ވަރަށް ފުރިހަމަ މަސައްކަތެއް ކަމަށެވެ. އަދި ފުލުހުންނާއި ސިފައިންގެ މަސައްކަތަށް އެހީތެރިވެދިން އާންމުނަށްވެސް ޖަމީލް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ލިލީ ސްޓޯރުގެ ގުދަން ހުރި ސަރަހައްދު ބައްލަވާލެއްވުމަށް ނައިބު ރައީސްގެ އަރިހުގައި ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީން ވެސް އެ ސަރަހައްދަށް ޒިޔާރަތްކުރެއްވި އެވެ.