20 Mar 2015, 13:50
އުތުރު އިންޑިއާގެ އުއްތަރު ޕްރަދާޝްގައި ދުއްވާފައި ދިޔަ ރޭލެއް ޓްރެކުން ނައްޓައިގެން ހިނގި އެކްސިޑެންޓެއްގައި 15 މީހުން މަރުވެ 150 މީހަކަށް ބޮޑެތި ޒަހަމްތަކެއް ލިބިއްޖެ އެވެ.
އިންޑިއާގެ ހިންދުސްތާނު ޓައިމްސްގައި މަސައްކަތް ކުރާ ނޫސްވެރިޔާ ހައިދަރު ނަގްވީ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ މިހާތަނަށް 15 މީހުން މަރުވެ 150 މީހުން ޒަހަމްވެފައިވާކަން ޔަގީންވެފައިވާ ކަމަށެވެ.
ރަޝީއާގެ ނޫހެއް ކަމަށްވާ އާރުޓީގައި ބުނެފައި ވަނީ އިންޑިއާގެ އުއްތަރު ޕްރަދާޝްގައި ހިނގި ރޭލު އެކްސިޑެންޓްގައި ޒަހަމަވި މީހުން އެސަރަހައްދާ ކައިރި ހޮސްޕިޓަލަކަށް މިހާރު ގެންގޮސްފައިވާ ކަމަށާއި ގިނަ މީހުން ތިބީ ވަރަށް ސީރިއަސް ހާލަތުގައި ކަމަށެވެ.
ޑެހްރަޑޫން އަވަށުން ވަރަނަސީ އަށް 1422 މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ އެ ރޭލުގެ އެއް އިންޖީނާއި ރޭލުގެ ދެ ބައި ޓްރެކުން ނެއްޓިފައިވާ ކަމަށް؛ އިންޑިއާގެ ޕޮލިސް އޮފިސަރު ނީރަޖު ޝަރުމާ ވަނީ ބުނެފަ އެވެ. ޓްރެކުން ނެއްޓިފައިވާ ރޭލު ޓްރެކަށް އެރުވުމަށް ރެސްކިއުޓީމާ އެކު އުތަރު ޕްރަދާޝްގެ ގިނަ އަދަދެއްގެ ރައްޔިތުން ހަރަކާތްތެރިވަމުންދާ ކަމަށް މީޑިއާ ރިޕޯޓުތަށް ބުނެ އެވެ.
ހާދިސާ ހިނގުމާ ގުޅިގެން އުއްތަރު ޕްރަދާޝްގެ ޗީފް މިނިސްޓަރު އަހިލޭޝް ޔަދާވް ނެރިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް 3000 ޑޮލަރު ދެއްވާނެ ކަމަށާއި އަދި ޒަހަމްތައް ލިބުނު އާއިލާތަކަށް 800 ޑޮލަރު ދޭނެ ކަމަށެވެ.
ހާދިސާ ހިނގަން މެދުވރިވި ސަބަބު އަދި ސާފު ނުވާ އިރު ބައެއް ފަރާތްތަކުން ބުނަމުން ދަނީ ރޭލުގެ މެދާ ހިސާބުން އިންޖީނެއް ހަލާކުވުމުގެ ސަބަބުން ޓްރެކުން ޓެއްޓުނީ ކަމަށް ބެލެވޭ ކަމަށެވެ.
ދުނިޔޭގެ ނިސްބަތުން ބަލާ އިރު އިންޑިއާއަކީ އެންމެ ގިނަ ބަޔަކު ރޭލުން ދަތުރުކުރާ އެއް ގައުމެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 23 މިލިއަން ފަތުރުވެރިން ރޭލުންދަތުރުކުރާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.