20 Mar 2015, 11:53
ދުބާއީ އިން: މުހައްމަދު ނާސިހް
ދުބާއި ޕޯޓްސް ވޯލްޑް ( ޑީޕީ ވޯލްޑް ) އިން ތިލަފުށީގައި ހަދާ ޒަމާނީ ބަނދަރުގެ މަސައްކަތް ކޮންޓްރެކްޓްގަ ސޮއިކުރާތާ ދެއަހަރު ތެރޭ ނިންމާލެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި އިކޮނަމިކް ކައުންސިލްގެ ކޯޗެއާ އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
ދުބާއީގައި ހުންނަވާ މީޑިއާ އަށް މައުލޫމާތުދެއްވަމުން އަދީބު ވިދާޅުވީ ޑީޕީ ވޯލްޑާއި އެކު ސޮއި ކުރެވުނު އެމްއޯޔޫގައި ފައިނަލް ކުރަން ހުރި ކަންތައްތައް ފައިނަލް ކުރުމަށް އެއްމަސް ދުވަސް ނަގާނެ ކަމަށް ލަފާކުރެވެ ކަމަށެވެ. އޭގެ ފަހުން ކޮންޓްރެކްޓްގައި ސޮއިކުރެވި ދެ އަހަރުތެރޭ ތިލަފުށީގައި ބަނދަރެއް ގާއިމުކުރެވޭނެ ކަމަށް އަދީބު ވިދާޅުވި އެވެ. އަދި މަސައްކަތް ކުރިޔަށްގެންދާނެ ގޮތުގެ ޓައިމްލައިން މިހާރު އެކުލަވާލާފައިވާ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.
"ފުރަތަމަ ފޭހުގައި ވެސް އަންނާނެ ވަރަށް ބޮޑު ކޮންޓައިނާ ޓާމިނަލެއް. ފުރަތަމަ ކަމަކަށް ޕޯޓް ސާވިސް އެއަށް ފަހު އެތެރެކުރެވޭ ކާގޯ ގެންދެވޭނެ ފްރީ ޓްރޭޑް ޒޯނެއް، އެ ޒޯނަކީ ވަކިން ފެންސްޖެހިފަ އޮންނަ ޒޯނެއް، އެޒޯން ތެރޭގަ ހުންނާނީ ހަމައެކަނި ދިވެހި ރާއްޖެ އަށް ގެންނަ ކާގޯ އެއް ނޫން، އެހެންނަމަވެސް ދުނިޔޭގެ އެކިތަންތަނަށް ގެންދާ ކާގޯ،" އަދީބު ވިދާޅުވި އެވެ.
ތިލަފުށީގައި ތަރައްގީ ކުރާ ބަނދަރާއި އެއްކޮށް ވިޔަފާރިތަކަށާއި އެކި ސިނާއަތްތަކަށް ކުރިއެރުން އަންނާނެ ކަމަށް އަދީބު ވިދާޅުވި އެވެ. ތިލަފުށީގެ ބަނދަރު ޓްރާންސްޝިޕްމެންޓް ބަނދަރެއްގެ ގޮތުގައި ވެސް ބޭނުންކުރާނެ ކަމަށާއި އަދި ޕެކޭޖިން ހިދުމަތް ފަދަ 'ވެލިއުއެޑެޑް' ހިދުމަތްތައް ދޭން ފެށާ މި ބަނދަރުން އެކްސްޕޯޓް ކުރެވޭނެ ކަމަށް އަދީބު ވިދާޅުވި އެވެ.
ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެ ކުރާ ދެ ބަނދަރަކީ ދުބާއީ އާއި ސިންގަޕޫކަން ފާހަގަކުރައްވާ އަދީބު ވިދާޅުވީ މި ދެ ތަނުން އެތެރެކުރާ މުދާތަކަކީ ކޮންމެހެން އެތަނުގައި އުފައްދާ މުދާ ނޫން ކަމަށާއި އެހެންނަމަވެސް ބަނދަރު ރަނގަޅުވުމުގެ ސަބަބުން މިހެން މުދާ ގަނައުމުގައި ފައިދާތަކެއް ހުންނަ ކަމަށް އަދީބު ވިދާޅުވި އެވެ.
"ސިންގަޕޫރުގައި ވެސް ދުބާއީގެ ވެސް ޕޯޓް އެފިޝަންޓްވީމާ، އަދި އެތާގެ ފްރީ ޒޯން ޚާއްސަކޮށް އެފިޝަންޓް ވީމާ ދުނިޔޭގެ އެކިތަންތަނުން ގެނެވޭ މުދާ އެބަ އެއްވޭ އެތަނަށް. އެއްވެފައި ދެން އެތަނުން އެހެން ގައުމުތަކަށް ދަނީ. އެހެންވީމާ ވިޔަފާރިވެރިންނަށް އެބަލިބޭ އެ ގައުމުގެ (ސިންގަޕޫރުގެ) އަދި ނޫފެއްދިޔަސް އެ ގައުމުގެ ޕޯޓް އަގުހެޔޮވީމަ ވިޔަފާރިވެރިންނަށް މާއަގުހެޔޮ މީތި ބަލްކްކޮށް ގެނެސްފައި، އަނެއްކާ ރީޑިސްޓްރިބިއުޓް ކުރަން،" މި ސަބަބާއި ހެދި މި ބަނދަރު ހެދި އަދި ފްރީ ޓްރޭޑް އޭރިއާ ގާއިމުކުރެވުމުން ދިވެހި ވިޔަފާރިވެރިންނަށް އާ ފުރުސަތުތައް ހުޅުވި ވިޔަފާރީގައި 'ގިނަގުނަ' ފައިދާތައް ވާނެ ކަމަށް އަދީބު ވިދާޅުވި އެވެ.
ދުބާއި ޕޯޓްސް ވޯލްޑަކީ ދުނިޔޭގެ ބަނދަރު ތަރައްގީ ކުރުމަށާއި ބަނދަރު މެނޭޖް ކުރުމަށް މައްޝޫރު ކުންފުންޏެކެވެ. މި ކުންފުންޏަކާ އެކު ތިލަފަށީގައި ބަނދަރަކާއި ފްރީ ޓްރޭޑް ޒޯން އެއް ގާއިމުކުރުމުގެ އެމްއޯޔޫގައި ދިވެހި ސަރުކާރުން ވަނީ ސޮއިކޮށްފައެވެ. މި ކުންފުނިން ދުނިޔޭގެ އެކި ހިސާބުތަކުގެ ފަސްދޮޅަސް ބަނދަރު އޮޕަރޭޓްކުރެ އެވެ. މި ކުންފުނި ރާއްޖޭގައި ކުރާ އިންވެސްޓްމެންޓް 250 މިލިއަނާއި 300 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދަކަށް އަރާނެ ކަމަށް އިކޮނަމިކް ކައުންސިލުން ލަފާކުރެވެއެވެ.