މ. އޯކްވިލާގޭގައި ހުންނަ ލިލީ ސްޓޯރުގެ ގުދަން އަނދާ ހުލިވެފައިވާއިރު އެ އަލިފާނުގެ ހާދިސާގައި އެގުދަން ވަށައިގެން ހުރި ބައެއް ގޭގެއަށް އަދިވެސް މީހުންނަށް ނުވަދެވެއެވެ.

އެސަރަހައްދުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ބުނިގިތުގައި އެމީހުންނަށް އަދިވެސް ގޭތަކަށް ނުވަދެވެއެވެ. ގެތަކަށް ނުވަދެވެނީ އަދިވެސް އެގޭތަކަށް ދުމުގެ އަސަރު ކުރަމުންދާތީ ކަމަށް ބައެއް ފަރާތްތަކުން ބުންޏެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ ރޭގެ އަލިފާނުގެ ހާދިސާގައި އެގުދަން ވަށައިގެން ހުރި އިމާރާތްތަކަކަށް އެކި ވަރުގެ ގެއްލުން ވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ގޭގޭ މީހުންނަށް އަދިވެސް އެގެތަކަށް ނުވަދެވޭ ކަމަށް ވިދާޅުވިއެވެ.

އަދުނާން ވިދާޅުވީ މީހުންނަށް ނުވަދެވި ތިބި ގޭތަކަށް މީހުންނަށް ވަދެވޭނެ އިރެއް ދައްނަވަން އަދި ނޭންގޭ ކަމަށެވެ. ވަށައިގެން ހުރި ގޭގެއަށް އެކި ވަރުގެ ގެއްލުންތައް ވެފައިވާ ކަމަށާއި ނަމަވެސް އަދި އޭގެ ތަފްސީލް ނޭންގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކުދިން މަސައްކަތް ކުރަމުންދަނީ,، ވަށައިގެން ހުރި ގޭގެއަށް ގެއްލުން ލިބިފައިހުރީ، ފުލް ޑެމޭޖެއް އަދި އަޅުގަނޑުމެންނަކަށް މުޅިން ނޭންގެ ކިހާވަރެއްކަމެއް،" އަދުނާން ވިދާޅުވިއެވެ.

އެސަރަހައްދުގައި އަދިވެސް ދުމުގެ އަސަރު އެބަހުއްޓެވެ. ބައެއް ގޭގެއަށް ވަރަށް ބޮޑަށް ދުންވަދެފައިވާއިރު އެގޭގޭ ފާރުތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ހަމައެހެންމެ ބައެއް ގޭތަކުގެ ދޮރުތަކުގެ ބިއްލޫރިތައް ވަނީ ތެޅިފައެވެ.

ލިލީގެ ގުދަނުގައި ރޯވެގެން ދިޔައިރު ގުދަން ހުންނަ ސަރަހައްދުގެ ގެތަކުން މީހުން ހުސްކުރި އެވެ. އަދި އެ ގުދަން ކައިރީގައި ހުރި ބައެއް ގެތަނަށް އަލިފާންނުގެ އަސަރުކޮށް، ކޮންމެވެސް ވަރަކަށް އިމާރާތްތަކުގައި އަލިފާން ހިފި އެވެ. ގުދަނުގެ އަލިފާންގަނޑު ފެތުރުމުގެ ކުރިން ސިފައިންނާއި ފުލުހުންނާއި އާންމުންގެ މަސައްކަތުން އަލިފާންގަނޑު ވަނީ ނިއްވާލާފަ އެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ދޮޅު ގަޑިއިރުގެ މަސައްކަތުންނެވެ.