19 Feb 2011, 14:08
ނ. މަނަދޫގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ބުރާންޗުގެ އޭޓިއެމްގެ ހިދުމަތް މެދުކެނޑި އަހަރެއްހާ ދުވަސް ވީއިރު ވެސް ހިދުމަތް ނުލިބޭތީ ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމަށް އެ ރަށުގެ ބައެއް މީހުން މިއަދު ބުނެފި އެވެ.
ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް އެ ރަށުން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އޭޓީއެމްގެ ހިދުމަތް މެދުކެނޑުނީ މިދިޔަ އަހަރުގެ ކުރީ ކޮޅު އެ ރަށަށް ކުރި ވިއްސާރައެއްގައި އެ ތަނުގައި ހުރި ޓަވަރަކަށް ހޮނުއެޅުމުގެ ސަބަބުން ކަމަށާއި އޭޓީއެމްގެ ހިދުމަތް ކެނޑިފައި ހުރުމުގެ ސަބަބުން އެ ރަށާއި ކައިރި ރަށް ރަށުން އަންނަ މީހުންނަށް ވެސް ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ.
"ވަރަށް ގިނައިން އެހެން ރަށްރަށުން ވެސް މީހުން އާދޭ، ގިނަ މީހުން އަތުގައި ކާޑްމި އޮންނަނީ. އެކަމަކު މިހާރު މިޖެހެނީ ޗެކް ފުރައިގެން ނަމްބަރު ނަގައިގެން ހުންނަން. އޭރުން އެދާ ވަގުތު ގިނަވޭ. ފެރީ ވެސް އެބަހުރި ކަޓާފައި،" އެމީހާ ބުންޏެވެ.
އޭނާ ބުނީ އޭޓީއެމް ރަނގަޅުކޮށް ދިނުމަށް ވަރަށް ގިނަ ފަހަރު ރަށު ރަށްޔިތުންގެ ފަރާތުން ބޭންކްގައި އެދިފައިވާ ކަމަށާއި ނަމަވެސް އަދި އެކަމަށް ބޭންކުން އިޖާބައެއް ލޮބިފައި ނުވާ ކަމަށެވެ.
މަނަދޫ ބޭންކްގެ އިސް އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ވިދާޅުވީ މިދިޔަ އަހަރުގެ އެޕްރީލް މަހުން ފެށިގެން އޭޓީއެއެމްގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށާއި އެކަމުގެ ޝަކުވާ ކޮންމެ ދުވަހަކު ވެސް ލިބެމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލައިގައި ހައްލެއް ހޯދުމަށް އެތައް ފަހަރެއްގެ މަތިން މިހާރު ވެސް ބޭންކާ ވާހަކަ ދައްކާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ގިނަ އިން [ބޭންކާ] ވާހަކަ ދައްކަން. ބުނަނީ އާ މެޝިނެއް ފޮނުވުމުގެ މަސައްކަތް ކުރާ ވާހަކަ. އަޅުގަނޑުމެން މި ކޮޅުން އެބަ މަސައްކަތް ކުރަން. އަދި ތާރީހެއް އެބޭފުޅުން ނުދެއްވާ." އޮފިޝަލް ވިދާޅުވި އެވެ.