ސިފައިންގެ ލަވަ އެއްވެސް ފަރާތަކުން އެކިއެކި ކަންކަމުގައި މުނާސިބުނޫން ޙަފުލާތަކާއި ސިޔާސީ ބައްދަލުވުންތަކުގެ އިތުރުން، އާންމު ޖަލްސާތަކުގައި ބޭނުން ނުކުރެއްވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފް އިން މިހެން ބުނެފައި މިވަނީ "އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން" މިނަމުގައި އަދާލަތު ޕާޓީއާ އެމްޑީޕީ އިން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ސިފައިންގެ ލަވަ ޖަހާފައި ވަނިކޮށެވެ.

އެމްއެންޑީއެފް އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިފައިންނަށް ޚާއްޞަކޮށްފައިވާ ސިފައިންގެ ލަވަ އަކީ ސިފައިންގެ ބޭނުންތަކަށް ބޭނުންކުރަމުންދާ ސިފައިންނަށް ހާއްސަ ޝަރަފުވެރި ލަވައެއް ކަމަށެވެ. އަދި ސިޔާސީ ބައެއް ފަރާތްތަކުން ސިޔާސީ އެއްވުންތަކާއި ބައްދަލުވުންތަކުގައި ބޭނުން ކުރަމުންދާކަން ހިތާމައާއެކު ފާހަގަކުރާ ކަމަށް ވެސް އެމްއެންޑީއެފް ބަޔާނުގައި ބުނެފައިވެ އެވެ.

އެމްއެންޑީއެފް އިން ބުނީ ސިފައިންގެ ލަވަ ސިޔާސީ ބޭނުންތަކަށް ބޭނުންކުރުމަކީ ސިފައިންގެ ޢިއްޒަތާއި ކަރާމާތަށް އުނިކަން ލިބޭނެ ކަމެއް ކަމަށެވެ.