20 Mar 2015, 10:29
މާފަންނުގައި ހުންނަ ލިލީ ސްޓޯރުގެ ގުދަނާ އެކު އަނދައި ހުލިވެގެން އެދިޔައީ 30 މިލިއަން ރުފިޔާގެ މުދާ ކަމަށް އެކުންފުނިން ބުނެފި އެވެ.
ލިލީ އެންޓަޕުރައިޒަސްގެ ޗެއާމަން މައްލާ އަހުމަދު ނާސިރު މިއަދު "ސަން" އަށް ވިދާޅުވީ ރޭ ހިނގި އަލިފާނުގެ ހާދިސާގައި އަނދައި ހުލިވެފައި ވަނީ 30 މިލިއަން ރުފިޔާގެ މުދާ ކަމަށާއި އޭގެ އިތުރުން ގުދަނުގައި ހަތަރު ވެހިކަލެއް އޮންނާނެ ކަމަށެވެ. އެގުދަނަކީ އިންޝުއަރެންސް ކޮށްފައި ހުންނަ ގުދަނެއް ކަމަށާއި ރޭ ހިނގި އެހާދިސާގެ ސަބަބުން އެގުދަނުގައި ބޭނުން ކުރެވޭނެ އެއްވެސް އެއްޗެއްނެތް ކަމަށް މައްލާ ވިދާޅުވި އެވެ.
"ތިރީސް މިލިއަންގެ މުދާ އުޅޭނެ، އެތަނަކީ މުދާ ސުޓޯ ކުރަން ބޭނުން ކުރާ ގުދަނެއް، ދެން ހަތަރު ވެހިކަލްއެއް ހުންނާނެ އެތާ ބޭރުގައި ބަހައްޓާފައި. އެތާގެ އެއްވެސް އެއްޗެއް ނުލިބޭ އިނގޭތޯ،" މަޝްހޫރު ވިޔަފާރިވެރިޔާ މައްލާ ނާސިރު ވިދާޅުވި އެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި ގުޅޭ ގޮތުން ސުވާލުކުރުމުން މައްލާ ވިދާޅުވީ "އެއްގޮތަކަށް ވެސް ނޭނގެ، އެއްވެސް ކަމެއް ލަފައެއް ވެސް ނުކުރެވޭ، އެތެރެއަކަށް ވަދެވެނީއެއް ނޫން،" ކަމަށެވެ.
އޭނާ ވިދާޅުވީ އެގުދަނުގައި ރައްކާކޮށްފައި ހުންނާނީ ނޫޑުލީހާއި ކޮސްމެޓިކްސް ތަކެތި ކަމަށެވެ.
ރޭ 10:30 ގައި ހިނގި އެ އަލިފާނުގެ ހާދިސާގައި އެގުދަން ހުންނަ ސަރަހައްދުގެ ގޭގޭއަށް ވެސް ވަނީ ކޮންމެވެސް ވަރަކަށް އަލިފާނުގެ އަސަރުކޮށްފަ އެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ދޮޅު ގަޑިއިރުގެ މަސައްކަތުންނެވެ.
ލިލީ އެންޓަޕްރައިޒެސްގެ ގުދަނެއްގައި ރޭ ރޯވިއިރު މާލޭ ކުޅިވަރު އެކުވެނި ކައިރީގައި ހުރި ތަނެއްގައި ވެސް ބަޔަކު މީހުން ވަނީ ރޯކޮށްލާފައި އެވެ. މަންޒަރު ދުށް މީހަކު ބުނީ އަލިފާން ރޯކުރީ ސައިކަލެއްގައި އެ ތަނަށް ދިޔަ ދެ މީހަކު ކަމަށެވެ. އެ މީހުން އެތަނަށް "ޕެޓްރޯލް ބޮމެއް" އެއްލާލާފައި ފިލި ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ.