މާފަންނުގައި ހުންނަ ލިލީ ސްޓޯރުގެ ގުދަނުގައި ހުރި 25 ކޮންޓެއިނަރުގެ މުދާ އަނދާ ހުލިވިރިއު، އެ ގުދަން ހުރީ އިންޝުއަރެންސް ކޮށްފައި ކަމަށް ލިލީ އެންޓަޕްރައިޒެސް ޕްރައިވެޓް ލިމިޓެޑުން ބުނެފި އެވެ.

ލިލީ ސްޓޯރުގެ ސްޓޯ ކީޕަރު އަހުމަދު ރަޝީދު "ސަން" އަށް މިރޭ ވިދާޅުވީ ގުދަނުގައި 20 ކޮންޓެއިނާގެ ނޫޑުލިހާއި "އޭންޝޯންޓާ" ބްރޭންޑުގެ ބޮޑީ ސުޕްރޭ ފަދަ ކޮސްމެޓިކްސްގެ ބާވަތްތައް ވެސް ހުންނާނެ ކަމަށެވެ. އަނދައި ހުލިވިތަކެއްޗާއެކު ގުދަނުގައި ޕާކުކޮށްފައި އޮތް ތިން ޕިކަޕާއި އެއް ލޮރީ ވެސް ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައިވާ ކަމަށް ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގުދަނުގައި އަލިފާން ރޯވި ވަގުތު އެތަނުން ކަރަންޓެއް ވެސް ނުހުންނާނެ ކަމަށާއި ތަޅުލައި ބަންދުކޮށްފައިވާ އެ ގުދަން ކައިރީގައި ސެކިއުރިޓީން ވެސް ނުތިބޭ ކަމަށް ސްޓޯ ކީޕަރު ވިދާޅުވި އެވެ.

ލިލީ ސްޓޯރުގެ ގުދަނުގައި ރޯވެ އަނދަނީ: އަނދާ ހުލިވި ގުދަނުގައި 25 ކޮންޓެއިނަރުގެ މުދާ ހުރި ކަމަށްވޭ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެއްވެސް ކަހަލަ ފުރިޖެއް ވެސް ނުހުންނާނެ. ދެން މިރޭ މިތަނުގައި [ރޯވި ގުދަން] ރޯވި އިރު އަޅުގަނޑު ވެސް ހުރީ ގޭގައި. ދެން މި ހިސާބުގެ މީހަކު އަޅުގަނޑަށް ވެސް ގުޅާފައި ބުނީ ކަލޭމެންގެ ގުދަނުން އެބަ ގޮވައޭ. ދެން އަޅުގަނޑު ބުނެފިން ކޯށްޗެއްހޭ އަނެއްކާ ގޮވަނީ. އަޅުގަނޑަށް ގުޅި މީހާ ބުނީ ހީވަނީ އަލިފާން ވެސް ރޯވެފަ ހެނޭ ބުނީ. ބުނީމަ އަޅުގަނޑު މި ތަނަށް އައިރު ގުދަން ނެތް އަތުވާކަށް. މި ހިސާބަށް ވެސް ނުވަދެވޭ،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

ލިލީގެ ގުދަނުގައި ރޯވެގެން ދިޔައިރު ގުދަން ހުންނަ ސަރަހައްދުގެ ގެތަކުން މީހުން ހުސްކުރި އެވެ. އަދި އެ ގުދަން ކައިރީގައި ހުރި ބައެއް ގެތަނަށް އަލިފާންނުގެ އަސަރުކޮށް، ކޮންމެވެސް ވަރަކަށް އިމާރާތްތަކުގައި އަލިފާން ހިފި އެވެ. ގުދަނުގެ އަލިފާންގަނޑު ފެތުރުމުގެ ކުރިން ސިފައިންނާއި ފުލުހުންނާއި އާންމުންގެ މަސައްކަތުން އަލިފާންގަނޑު ވަނީ ނިއްވާލާފަ އެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ދޮޅު ގަޑިއިރުގެ މަސައްކަތުންނެވެ. މިރޭ އަލިފާން ނިއްވަން އުޅުނު ސިފައިންގެ މީހަކަށް ދުމުގެ އަސަރު ކުރުމުގެ ސަބަބުން އޭނާއަށް ވަނީ އައިޖީއެމްއެޗުން ފަރުވާ ދީފަ އެވެ.
އަލިފާން ނިއްވަން އުޅުނު ސިފައިންގެ މީހެެއްގެ ހާލު ހޯސްވެގެން ހޮސްޕިޓަލަށް ގެންދަނީ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ލިލީ އެންޓަޕްރައިޒެސްގެ ގުދަނެއްގައި މިރޭ ރޯވިއިރު މާލޭ ކުޅިވަރު އެކުވެނި ކައިރީގައި ހުރި ތަނެއްގައި ވެސް ބަޔަކު މީހުން ވަނީ ރޯކޮށްލާފައި އެވެ. މަންޒަރު ދުން މީހަކު ބުނީ އަލިފާން ރޯކުރީ ސައިކަލެއްގައި އެ ތަނަށް ދިޔަ ދެ މީހަކު ކަމަށެވެ. އެ މީހުން އެތަނަށް "ޕެޓްރޯލް ބޮމެއް" އެއްލާލާފައި ފިލި ކަމަށް މަންޒަރު ދުއް މީހުން ބުންޏެވެ.