19 Mar 2015, 22:28
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ކުރިއަށް ގެންދިޔައީ "ހަވާ ފަޓާސް ބަރިއެއް" ގޮތަށް ކަމަށާއި އެ ޝަރީއަތް ނިމިގެން ދިޔައިރު އިންސާފުގެ ކަންފުޅެއް ވެސް ނެތް ކަމަށް އަދާލަތު ޕަޓީގެ ރައީސް ޝެއިހް އިމްރާން ވިދާޅުވެއްޖެ އެވެ.
"އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން" މި ނަމުގައި ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ރައީސް ނަޝީދުގެ ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ އިޖުރާއަތްތަކާ ދެކޮޅަށް ކަމަށެވެ. އަދި ހަމައައެއާކު ރައީސް ނަޝީދުގެ ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ ސުޕްރީމް ކޯޓުގެ ރޫލިންތަކާ ހިލާފަށް ކަމަށް އިމްރާން ވިދާޅުވި އެވެ.
"އެކަން ހިންގާފައި އޮތީ ކުޑަ މިނުން ހެއްކެއް ހާޒިރު ކުރުމުގެ ފުރުސަތު ވެސް ނުދީ. މިއަށް ވުރެއް ބޮޑު އަނިޔާއެއް ދެން ފަހެ ކޮބައިތޯ. ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ ޝަރީއަތަކީ ކުޑަކުދިން ކިޔާ ޖޯކު ވާހަކަ ފޮތަކުން ޖޯކެކޭ،" އިމްރާން ވިދާޅުވި އެވެ.
ސިޔާސީ ބޭފުޅުންނަށް ކުރާ އަނިޔާގެ ތެރެއިން ގާސިމް އިބްރާހިމް ކުރަމުންދާ އަނިޔާ އަކީ ކުޑަ އަނިޔާއެއް ނޫން ކަމަށް އިމްރާން ވިދާޅުވި އެވެ. އަށްޑިހައިގެ އަހަރުތަކުގައި އޭރުގެ ސަރުކާރާ ހިޔާލު ތަފާތު ވިޔަފާރިވެރިން ބަނގުރޫޓު ކުރަމުން އައި އުސޫލުން ރައީސް ޔާމީންގެ ސަރުކާރުން ވެސް އަންނަނީ މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަށްޑިހައިގެ އަހަރުތަކުގައި ސިޔާސީ ގޮތުން ކުޑަކޮށް ވެސް ހިޔާލު ތަފާތު ވިޔަފާރިވެރިން ބަނގުރޫޓު ކުރުމަށް ކުރެވިގެން ދިޔަ ބުރަ މަސައްކަތްތައް އަލުން އަނބުރާ އިއާދަކުރުމަށް ގާސިމް އިބްރާހިމަށް އެ ކުރަމުންދާ ޖެއްސުންތަކާ ގޯނާ ތަކަކީ ދެން ތިއްބެވި ވިޔަފާރިވެރިންނަށް ދޭ ވަރަށް ނުރައްކާތެރި ސިގްނަލެއް. އެއީ ތިމަންމެނާ ވާދަވެރި ބަޔަކު ނުކުމެއްޖެނަމަ ނާށިގަނޑު ހިފައިގެން މަގުމަތީގައި ހިނގަންޖެހޭނެ ކަމަށް އެ މީހުންނަށް ދޭ އިންޒާރެއް. މިކަމަކަށް އަޅުގަނޑުމެނެއް ނުގުޑާނެ އަދި އިރާދަކުރެއްވިއްޔާ ދުލެއް ވެސް ނުދޭނަން،" އިމްރާން ވިދާޅުވި އެވެ.
އެމްޑީޕީއާ އަދާލަތު ޕާޓީން އަދި ސަރުކާރާ އިދިކޮޅު އެއްވެސް ފަރާތަކުން ރައީސް ޔާމީންގެ ސަރުކާރު ވެރިކަން ނިމުމަކަށް ގެންނަން ބޭނުން ނުވާ ކަމަށް އިމްރާން ވިދާޅުވި އެވެ. ނަމަވެސް ސުލްހައިގެ މޭޒުގެ ދޮށަށް ސިޔާސީ ޕާޓީތަކާއެކު އައިސް ރައީސް ޔާމީން އިށީންނަވަން ޖެހޭ ކަމަށް އިމްރާން ވިދާޅުވި އެވެ.
"ރައީސް ޔާމީން ވެރިކަމުގެ ދައުރު ނިންމާލުމަށް ސުލްހައިގެ މޭޒުގައި އިށީންނަވައިގެން އަޅުގަނޑުމެންނާ ވާހަކަދައްކައިގެން އަޅުގަނޑުމެންނަށް އަނިޔާ ކުރުން ހުއްޓާލައިގެން އަޅުގަނޑުމެން އެ ފުރުސަތު ދޭނަން. އެ ނޫން ގޮތެއް ހިޔާރު ކުރުން އޮތީ ރައީސް ޔާމީންގެ އަތްޕުޅުގައި. އަޅުގަނޑުމެން މިތިބީ މި ސްޓޭންޑުގައި ވަރަށް ސާބިތުކަމާއެކު. ގާނޫނު އަސާސީއާ ގާނޫނީ ތަރަހައިގެ ތެރެއިން އަނިޔާއާ ދެކޮޅަށް ކުރަންޖެހުނު ކޮންމެ ކަމެއް ވެސް ކުރަން މި ތިބީ ތައްޔާރަށް ވަރިހަމަ ކިތަންމެ އަހަރެއް ވިއަސް." އިމްރާން ވިދާޅުވި އެވެ.