19 Mar 2015, 22:06
ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ ގެެއިން ފެނުނު ހަތިޔާރަކީ ހާގީގަތުގައިވެސް "ލޯޑު ކުރެވޭ އެއްޗެއްތޯ ބެލުމަށް ޓެސްޓް ކުރަން ޖެހިއްޖެއްޔާ އެކަންވެސް ކުރާނަން" ކަމަށް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ބެންޗުގެ ގާޒީން ވިދާޅުވެއްޖެ އެވެ.
ނުރައްކާތެރި ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑު މުހައްމަދު ނާޒިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ މިރޭ ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރެވުނު އެމްއެންޑީއެފްގެ އޮފިސަރު މުހައްމަދު ނަޒީމް ވިދާޅުވީ ނާޒިމްގެ ގެއިން ފެނުނު ވަޒަން ހަގީގީ ވަޒަނެއްތޯ ބެލުމަށް ލޯޑު ނުކުރާ ކަމަށެެވެ.
ނާޒިމްގެ ގެއިން ފެނުނު ހަތިޔާރަކީ ހަގީގީ ހަތިޔާރުތޯ ބެލުމަށް ފަހު ރިޕޯޓު ތައްޔާރު ކުރެއްވި ނަޒީމް، ނާޒިމް ސުވާލު ކުރައްވަމުން ވިދާޅުވީ
"އެ ތިން ވަޒަން ފަޔާ ކުރެވޭތޯ ނުވަތަ ނޫންތޯ ބަލައިލައިގެން ޔަގީން ކުރެވޭނެތޯ؟" އެވެ.
ނަޒީމް ވިދާޅުވީ "ލޯޑު ކުރުމުން ނޫނީ ވަޒަން ފަޔާ ކުރެވޭތޯ ވެސް ނުވަތަ ނޫންތޯ ވެސް ނޭންގޭނެ،" ކަމަށެވެ.
ނަމަވެސް އެއީ އަސްލު ވަޒަނެއްކަން ބަލާލުމުން ޔަގީންވާ ކަމަށާއި، "ޑަމީ ވަޒަނެއް ކަމަށް ދައްކާ އެއްވެސް ނިޝާނެއް ނެތް" ކަމަށް ނަޒީމް ވިދާޅުވި އެވެ.
ވަޒަނުގެ އިތުރުން ނާޒިމްގެ ގެއިން ފެނުނު ފިސްތޯލަ އާއި މެގަޒިން ޓެސްޓްކޮށްފައިވާނެ ކަމަށް ނަޒީމް ވަނީ މިރޭގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފަ އެވެ. އަދި ފިސްތޯލު ޓެސްޓް ކުރުމަށް ބޭނުންކުރީ ނާޒިމްގެ ގެއިން ފެނުނު ވަޒަން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ބަޑި ފެނުނު އިރު ބަޑީގައި ދަބަރު ޖަހާފައިވާ ކަމަށާއި، އަދި އޭގެ ކުރިން ދަބަރު ޖަހާފަ ހުރި ކަމެއް ނުވަތަ ނޫން ކަމެއް ނޭންގޭ ކަމަށް ނަޒީމް ވިދާޅުވި އެވެ.
ނާޒިމްގެ ގެއިން ފެނުނު ހަތިޔާރު މިރޭގެ ޝަރީއަތުގެ މަޖިލީހުގައި ވަނީ ދައްކާލާފަ އެވެ. ޝަރީއަތުގެ މަޖިލީހުގައި ފުލުހުން ހަތިޔާރު ދައްކާލުމުން ގާޒީން ނަޒީމާ ސުވާލު ކުރެއްވީ، "އެއީ ނަޒީމް ފާސްކުރި ހަތިޔާރު ތޯ" އެވެ. ޖަވާބުގައި ނަޒީމް ވިދާޅުވީ އެއީ އޭނާ ފާސްކުރި ހަތިޔާރު ކަމަށެވެ. ޝަރީއަތުގެ މަޖިލީހުގައި އިންނެވި ނާޒިމަށް ވެސް ހަތިޔާރު ދައްކާލާފައިވެ އެވެ. ނަމަވެސް ބޯޖަހާލުން ފިޔަވައި އިތުރު އެއްޗެއް ނާޒިމް ވިދާޅުވެފަ އެއް ނުވެ އެވެ.
ނާޒިމްގެ ވަކީލުން މިރޭ އެދިލެއްވީ ޗެނަލް އޮފް ކަސްޓަޑީ ރިޕޯޓު އެފަރާތްތަކަށް ދައްކާލުމަށެވެ. ގާޒީން ވިދާޅުވީ ޗެނަލް އޮފް ކަސްޓަޑީ ރިޕޯޓުގެ ފޮޓޯތަކެއް ވަކީލުންނަށް އަރުވާނެ ކަމަށެވެ.
ނާޒިމްގެ ކޮޓަރިން ފެނުނު ޕެންޑްރައިވް ބަލައިފާސްކުރި ކުރި އޮފިސަރާއި ސުވާލު ކުރި އަޑުއެހުން މިއަދު ވަނީ ސިއްރުކޮށްފަ އެވެ. ނާޒިމްގެ ގެއިން ފެނުނު ޕެންޑްރައިވްގައި ހުރި މައުލޫމާތު އެނަލައިޒްކޮށް ޑިޖިޓަލް އެވިޑެންސް ރިޕޯޓު ތައްޔާރު ކުރި އަމީން އަބްދުލް ގައްޔޫމު ހާޒިރުކޮށްގެން ކުރިއަށްގެންދިޔަ ޝަރީއަތުގެ މަޖިލިސް މިރޭ ސިއްރުކޮށްފައި ވަނީ އެ ޕެންޑްރައިވްގައި އަމަންއަމާން ކަމާއި ގުޅުން ހުރި މައުލޫމާތު ހިމެނިފައިވާ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވުމުންނެވެ.
ޑިޖިޓަލް އެވިޑެންސް ރިޕޯޓާއި ބެހޭ ގޮތުން ދައުލަތުން ހުށަހެޅި ހެކި އަމީން އާ ސުވާލުކުރުމަށް ނާޒިމްގެ ވަކީލުންނަށް ފުރުސަތު ދެއްވުމުން، މައުމޫނު ހަމީދު ވިދާޅުވީ ހެއްކާ ސުވާލު ކުރުމުގެ ކުރިން ރިޕޯޓު ބޭނުންވާ ކަމަށެވެ. ނަމަވެސް ދައުލަތުގެ ވަކީލުން ރިޕޯޓު ދެއްވުމަށް އިއުތިރާޒު ކުރެއްވީ އަމަންއަމާން ކަމާއި ގުޅުން ހުރި ކަމަކަށް ވާތީ ކަމަށް ބުނެ އެވެ.
"އަމަން އަމާން ކަމާއި ގުޅުން ހުރި ކަމަކައްވާތީ ޑިޖިޓަލް އެވިޑެންސް ރިޕޯޓު ހާމަ ކުރުމަށް އުޒުރުވެރިވޭ" ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ބެނޗުން މަޝްވަރާކުރުމަށް ފަހު ނިންމީ ޝަރީއަތް ސިއްރުކުރުމައްފަހު ވަކީލުންނާއި ރިޕޯޓު ހިއްސާ ކުރުމަށެވެ. އެހިސާބުން ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ ނޫސްވެރިންނާއި އަޑުއަހަންތިބި އާންމުންނަށް ސިއްރުންނެވެ. އަމީންގެ ހެކިބަސް ނަގާ ނިންމުމަށް ފަހު ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ ހުޅުވާލައިގެންނެވެ.