ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކޮންމެ އަހަރަކު ވެސް ދޭ ފައިސާ ނުދީ ހިފަހައްޓާފައިވާ ހަ ސިޔާސީ ޕާޓީއަށް މި އަހަރު ފައިސާ ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު ފަޔާޒް ހަސަން ވިދާޅުވީ ފައިސާ ނުދޭން ނިންމީ ހަ ޕާޓީއަކަށް ކަމަށާއި އެއީ މޯލްޑިވްސް ނޭޝަނަލް ކޮންގްރެސް (އެމްއެންސީ) އާއި ސޯޝަލް ލިބަރަލް ޕާޓީ (އެސްއެލްޕީ) އާއި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) އާއި މޯލްޑިވިއަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެސްޑީޕީ) އާއި ލޭބާ ޕާޓީ އަދި ޕީޕަލްސް ޕާޓީ ކަމަށެވެ.

ފަޔާޒް ވިދާޅުވީ އެސްއެލްޕީ އާއި އެމްއެންސީ އާއި އައިޑީޕީ އަށް ފައިސާ ނުދޭން ނިންމީ ޕާޓީގެ އޮޑިޓް ރިޕޯޓް ހުށަހަޅާފައިނުވާތީ އާއި އެ ރިޕޯޓް ހުށަހަޅާފައިނުވުމުން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކާފައިނުވާތީ ކަމަށެވެ. އަދި އެމްއެސްޑީޕީ އާއި ލޭބާ ޕާޓީ އަދި ޕީޕަލްސް ޕާޓީއަށް ފައިސާ ނުދޭން ނިންމީ ސިޔާސީ ހަރަކާތެއް ހިންގާފައިނުވާތީ އާއި އެ ޕާޓީތަކުގެ އަސާސީ ގަވާއިދުގައިވާ މަގްސަދުތައް ހާސިލްވާނެ ގޮތަށް މަސައްކަތްކޮށްފައިނުވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ދައުލަތުގެ ބަޖެޓުގައި 13.7 މިލިއަން ރުފިޔާ ހިމަނާފައިވާއިރު އޭގެ ތެރެއިން މިހާތަނަށް ހަތް ސިޔާސީ ޕާޓީއަކަށް 10.3 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ ވެރިކަން ކުރާ ޕާޓީ އެމްޑީޕީއަށެވެ. އެ ޕާޓީއަށް 3.6 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު އެންމެ ބޮޑު އިދިކޮޅު ޕާޓީއަށް ދޫކޮށްފައިވަނީ 3.2 މިލިއަން ރުފިޔާ އެވެ. އަދާލަތު ޕާޓީ އަށް ލިބިފައިވަނީ 842،441.62ރ. އެވެ. އަދި ޕީޕަލްސް އެލައިންސް (ޕީއޭ) އަށް 622،691.85ރ. ލިބިފައިވާ އިރު ގައުމީ އިއްތިހާދަށް ދީފައިވަނީ 643،471ރ. އެވެ. އަދި ގައުމީ ޕާޓީ އަށް 618،279.78 ވަނީ އިލެކްޝަންސް އިން ދޫކޮށްފަ އެވެ.