19 Mar 2015, 18:43
ލ. ހިތަދޫ ބަނދަރު މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ހިތަދޫ ބަނދަރު ހަލާކުވެ ބޭނުން ނުކުރެވޭ ވަރުވުމުން، ސަރުކާރުން ހަރަދުކޮށްގެން އެ ރަށުގައި އަޅާ އާ ބަނދަރުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ، މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.
ސަރުކާރުގެ ބަޖެޓުން 46 މިލިއަން ރުފިޔާ ހަރަދުކޮށްގެން މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަސައްކަތުގެ ދަށުން ހިތަދޫގައި 750 ފޫޓު ދިގު ޒަމާނީ ބަނދަރެއް ހެދިގެންދާނެ އެވެ. އަދި އެ މަސައްކަތް ގާތްގަނޑަކަށް 15 މަސް ދުވަހުގެ ތެރޭގައި ނިންމާ ސަރުކާރާ ހަވާލުކުރަންޖެހެ އެވެ.
ލ. ހިތަދޫގައި އަލަށް ހަދަން ފަށާ އެ ބަނދަރަކީ ސަރުކާރުން މިދިޔަ އަހަރު އެމްޓީސީސީއާ ހަވާލުކުރި 10 ބަނދަރުގެ ތެރެއިން އެއް ބަނދަރެވެ. އެ ބަނދަރުގެ ހެދުމަށް އެ ކުންފުންޏާއެކީ އެމްއޯޔޫއެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ނަމަވެސް އެ ބަނދަރުގެ އީއައިއޭގެ މަސައްކަތަށް ގިނަ ދުވަސްތަކެއްވުމާއި، ބަނދަރުގެ އޮރިއެންޓޭޝަނަށް ބަދަލުތަކެއް ގެންނަންޖެހުމާއެކު އެ މަސައްކަތުގެ އަމަލީ މަސައްކަތް ވަނީ މިއަދާ ހަމައަށް ދިގުލައިގެން ގޮސްފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ރައްޒާގު ހަލީމް ވަނީ، ސަރުކާރުން ގައުމު ތަރައްގީ ކުރުމުގައި އެންމެ އިސްކަން ދެނީ މާލެއަށް ކަމަށް ބުނާ ވާހަކަ ދޮގު ކުރައްވާފައެވެ.
އޭނާ ވިދާޅުވީ، މިދިޔަ އަހަރަކީ ސަރުކާރުން އަތޮޅުތެރެއަށް ބޮޑު ހަރަދެއް ކުރި އަހަރެއް ކަމަށާއި، އަތޮޅުތެރޭގެ ތަރައްގީއަށް ސަރުކާރުން އެއް ބިލިއަން ރުފިޔާގެ މަސައްކަތް އެމްޓީސީސީއަށް އެކަނި ވެސް މިދިޔަ އަހަރު ހަވާލުކޮށްފައިވާ ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވީ، ހިތަދޫ ބަނދަރުގެ މަސައްކަތަކީ ރައީސް ޔާމީން އެންމެ އިސްކަމެއްދެއްވައިގެން ކުރައްވަން ނިންމެވި މަސައްކަތެއް ކަމަށެވެ. އަދި އެ ބަނދަރުގެ އަމަލީ މަސައްކަތް ފެށުމަށް ގިނަ ދުވަސްތަކެއް ވިނަމަވެސް، ދެން އެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ރަނގަޅު ފެންވަރެއްގެ ބަނދަރެއް އޮތުމަކީ ރަށުގެ ތަރައްގީއަށް ހުޅުވާލެވޭ ވަރަށް ބޮޑު ދޮރަކަށްވެގެންދާނެ. އަދި އެކަމަކީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ތެރެއިން ރައީސް ޔާމީން ރާއްވަވާފައިވާ ޕްލޭންގެ ތެރެއިން ކުރިއަށްގެންދަވާ އެއް ކަންތައް. ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް ކުރެވޭނެ ކަންތައްތަކަށް ވައުދުވެ އެކަންތައްްތައް ފުއްދައިދިނުން،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
ރައްޔިތުންނަށްޓަކާ ގައުމު ތަރައްގީ ކުރަމުން ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ނަމަވެސް އެކަމަށް ހުރަސް އެޅުމަށް މަސައްކަތްކުރަމުންދާ ކަން ފާހަގަކުރައްވައި، މިނިސްޓަރު މުއިއްޒު ވިދާޅުވީ، ގައުމީ ވިސްނުމުގައި މަސައްކަތްކުރުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ އަދި އިޖްތިމާއީ ޒިންމާއެއް ކަމަށެވެ.
"ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ހަބަރުތައް އެކިގޮތްގޮތުން ހަގީގަތް އޮޅޭގޮތަށް ގެންގޮސް، ގައުމުގެ ނަން ހަޑިކޮށް ގައުމުގެ މުސްތަގްބަލް ބަނަކުރުމަށްޓަކާ ދަރިންގެ ދަރިންގެ މުސްތަގްބަލް ބަނަކުރުމަށްކުރާ މަސައްކަތަކީ ގައުމަށް ވެވޭ ހިޔާނާތެއް،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެފަދަ ކަންކަމަކަށް ސަރުކާރުން އިސްކަމެއް ނުދޭނެ ކަމަށާއި ބަނދަރު ހެދުންފަދަ މަޝްރޫއުތައް އަތޮޅުތެރޭގެ ރަށްރަށުގައި ހިންގާ ސަރުކާރުން ވެފައިވާ ވައުދުތައް މިދައުރުގެ ތެރޭގައި ވެވަޑައިގަތްފައިވާ ހުރިހާ ވައުދެއް ފުއްދައިދޭނެ ކަމަށެވެ.