19 Mar 2015, 18:36
ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫނިދޫގައި ހުންނެވީ ފުރިހަމަ ސަލާމަތާ ރައްކާތެރިކަމާއެކުގައި ކަމަށާއި އެމަނިކުފާނަށް އެއްވެސް ނުރައްކަލެއް އެތަނުގައި ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ޕްރެސްކޮންފަރެންސެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު މިއަދު ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ފުރާނައަށް ގެއްލުންދޭން ބަޔަކު މަސައްކަތް ކުރާ ކަމުގެ "އިތުބާހުރި" މައުލޫމާތު ލިބިފައިވާ ކަމަށް އެމްޑީޕީ އިން އިއްޔެ ބުނެފައިވާ ކަމަށާއި ނަމަވެސް އެކަން ފުލުހުން ދޮގުކުރާ ކަމަށެވެ.
"އެމަނިކުފާނު [ރައީސް ނަޝީދު] ދޫނިދޫގައި ހުންނެވީ ލިބެންޖެހޭ ސަލާމަތާ ރައްކާތެރިކަން ނުލިބޭ ގޮތަށް ކަމަށް އެމްޑީޕީ އިން އިއްޔެ ބޭއްވި ޕްރެސް ބްރީފިން އެއްގައި ވަނީ ވިދާޅުވެފައި. މިކަމަކީ އަޅުގަނޑުމެން ދޮގުކުރާ ކަމެއް. ރައީސް ނަޝީދު ދޫނިދޫގައި ހުންނެވީ ފުރިހަމަ ސަލާމަތާ ރައްކާތެރިކަމުގައި. އަދި ރައީސް ނަޝީދު ހުންނެވި ތަނުގައި ޑިއުޓީ މަރަމުން ދަނީ އެންމެ ކުއްޖެއް ކަމަށް އިއްޔެ އެބޭފުޅުން [އެމްޑީޕީ]އިން ވަނީ ފާހަގަކޮށްފައި. ނަމަވެސް އެކަންވެސް އަޅުގަނޑުމެން ދޮގުކުރަން،" ހަމްދޫން ވިދާޅުވި އެވެ.
ހަމްދޫން ވިދާޅުވީ ރައީސް ނަޝީދު ދޫނިދޫގައި ހުންނަވާއިރު އެމަނިކުފާނު ހުންނަވާ ތަނުގައި ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓުމަންޓުގެ އިތުރުން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑުން ވެސް ރައީސް ނަޝީދުގެ ސަލާމަތާ ރައްކާތެރިކަން ބަލަމުން އަންނަ ކަމަށެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހަމްދޫން ވިދާޅުވީ މިހާރު މާލޭގައި ސިލްސިލާކޮށް ހިނގަމުން އަންނަ މުޒާހަރާތަކުގެ ތެރެއަށް ވަދެ ހަމަނުޖެހުން ހިންގާ އެއްބަޔަކު އަނެއްބައެއްގެ މުދަލަށް ގެއްލުންދީ ހަދަމުން އަންނަކަން ފުލުހުންނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި އެފަދަ ފަރާތްތައް ހޯދުމުގައި ފުލުހުން ދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް ހަމްދޫން ވިދާޅުވި އެވެ
"އެގޮތުން 17 މާޗުގައި އެމްޑީޕީ އިން ބޭއްވި އެއްވުމުގެ ތެރެއަށް ވަދެ ގޮސް ކަޅު ތެޔޮ ޖަހާ އެއްވުމުގައި ގެންގުޅުނު ބައެއް އެއްޗެއްސަށް ގެއްލުންދިން މީހުންގެ ތެރެއިން ބަޔަކު މީހުން އަޅުގަނޑުމެން ވާނީ ހައްޔަރުކޮށް ކޯޓަށް ގެންދިއުމަށްފަހު ބަންދުގެ މުއްތަދު އިތުރުކޮށްފައި. އަދި އެ މައްސަލަތައް ދަނީ ތަހުގީގު ކުރެވެމުން ކަމަށް ވެސް އަޅުގަނޑު ހަމަ ފާހަގަކޮށްލަން،" ހަމްދޫން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ދަށުން އެއްވާ ފަރާތްތަކަށް އެހެން ފަރާތްކުން ގޮސް ހަމަނުޖެހުން ނުހިންގުމަށް ގޮވާލާ ކަމަށެވެ.